ކުއާލަލަންޕޫރު (މޭ 7) : އިންޑިޔާގައި ފެތުރެމުންދާ ކޮވިޑް-19 ގެ ޑަބަލް މިއުޓަންޓް ވޭރިއަންޓް މެލޭޝިޔާއިން ފެނުމާ ގުޅިގެން އެގައުމުން ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

މެލޭޝިއާގެ ސިއްހަތާބެހޭ މަސްއޫލުވެރިން ވިދާޅުވިގޮތުގައި މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް މެލޭޝިޔާއިން ކޮވިޑާ ދެކޮޅަށް އަޅާ ރައްކާތެރި ކަމުގެ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި އިޖްތިމާޢީ އެއްވުންތައް ބޭއްވުމާއި ކެފޭ ރެސްޓޯރަންޓުތަކުގެ އެތެރޭގައި ކައިބޮއި ހެދުން މަނާކުރުމާއި އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުން މަނާކުރުން ހިމެނެއެވެ. ކެފޭ ރެސްޓޯރަންޓުތަކުން ދެވޭނެ ޚިދުމަތްތަކުގެ ގޮތުގައި ހަމަޖައްސާފައިވަނީ ޓޭކްއަވޭ ޚިދުމަތް އެކަންޏެވެ.

މިގޮތަށް ފިޔަވަޅުތައް ހަރުކަށިކޮށްފައިވަނީ ވެރިރަށް ކުއާލަލަންޕޫރާއި އެ ސިޓީއާ ގުޅިފައިވާ އަވަށްތަކުގައި އެކަންޏެވެ. ނަމަވެސް މެލޭޝިޔާގެ އެންމެ މުއްސަނދި ސްޓޭޓްގެ ގޮތުގައި ސިފަކުރެވޭ ސެލަންގޯގެ ގިނަ ސަރަޙައްދުތައް މިފިޔަވަޅުތަކުގެ ދަށުންވަނީ ދެހަފްތާގެ މުއްދަތަށް އެއްކޮށް ފުރަބަންދުކޮށްފައެވެ.

މެލޭޝިޔާއަކީ މިހާތަނަށް ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކޮންމެވެސް ވަރަކަށް ކާމިޔާބު ހޯދާފައިވާ ގައުމެކެވެ. ނަމަވެސް އިންޑިޔާގައި ފެތުރެމުންދާ ކޮވިޑް-19 ގެ ޑަބަލް މިއުޓަންޓް ވޭރިއަންޓް މެލޭޝިޔާއިން ފެނުމާއެކު އެގައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރުވަނީ އާދަޔާ ޚިލާފަށް އިތުރުވެފައެވެ. މެލޭޝިއާގައި މިހާތަނަށް 5 ލައްކަ އާ ގާތްކުރާ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެބަލީގައި 1500 އަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މެލޭޝިޔާގައި 4 ހާހާ ގާތްކުރާ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހި އެބަލީގައި 17 މީހުންވަނީ މަރުވެފައެވެ. އިންޑިޔާގައި ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާތެރި ވޭރިއަންޓް މެލޭޝިއާއިން ފެނުމާއެކު މެލޭޝިއާއިންވަނީ އެގައުމާއި އިންޑިއާއާދެމެދުކުރާ ވައިގެ ދަތުރުތައް އެއްކޮށް ހުއްޓާލާފައެވެ. މިއާއެކު އިންޑިޔާގެ ރައްޔިތުންނާ އަދި އިންޑިއާއަށް ދަތުރުކޮށްފައިވާ އެހެންގައުމުތަކުގެ މީހުންވެސް މެލޭޝިއާއަށްވަނުންވަނީ މަނާކޮށްފައެވެ.

މީގެއިތުރުން ކޮވިޑް ގެ އިންޑިއަން ވޭރިއަންޓް ފެނިފައިވާ ގައުމުތަށް ކަމަށްވާ ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން އަދި ނޭޕާލްފަދަ ދަތުރުކޮށްފައިވާ މީހުން މެލޭޝިޔާއަށް ވަނުން މަނާކުރުމަށްވެސް އެގައުމު ގެންދަނީ ވިސްނަމުންކަމަށް މައުލޫމާތު ލިބެއެވެ. (ނޫސްއެޖެންސީތައް)