ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް ކުރި 16 ގަޑިއިރުގެ ސާޖަރީތަކަށް ފަހު އެމަނިކުފާނުގެ ހާލަތު އަދި ގޯސް ކަމަށާއި އޮންނެވީ އައިސީޔޫގައި ކަމަށް އެމަނިކުފާނަށް ފަރުވާދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ދެންމެ ހާމަކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރައީސް ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް މިއަދު މެންދުރު ކުރި ޕްރޮސީޖާ ކާމިޔާބު ކަމަށެވެ. އޭޑީކޭއިން ބުނި ގޮތުގައި ރައީސް ނަޝީދުގެ ބޮލަށާއި މެޔަށާއި ބަނޑަށް އަދި ފަޔަށް ލިބުނު އެކި ވަރުގެ ޒަހަމްތަކާއި ގެއްލުންތަކަށް މިދިޔަ 16 ގަޑިއިރުގެ ތެރޭގައި ވަނީ ކާމިޔާބު ސާޖަރީތަކެއް ކޮށްފަ އެވެ.

"އެމަނިކުފާނުގެ ހާލަތު ކުރިޓިކަލް. އޮންނެވީ އިންޓެންސިވް ކެއާގައި،" އޭޑީކޭގެ ޓްވީޓްގައި ބުންޏެވެ.

އޭޑީކޭއިން އަދި ބުނީ އާއިލާގެ އިޒުނައާ އެކު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތާއި ފަރުވާގެ މައުލޫމާތު އާންމު ކުރަމުން ގެންދާނެ ކަމަށެވެ.

އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުން މިއަދު މެންދުރު ވިދާޅުވެފައި ވަނީ މިހާރު ސާޖަރީތައް ނިމިފައިވާ ކަމަށާއި ދެން އޮތީ ރިކަވަރީ ކަމަށެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކެނެރީގެއިން ނިކުމެ ވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން ދަނިކޮށް ބަޔަކު އެއްޗެއް ގޮއްވާލީ ރޭ 8:30 އެހާކަން ހާއިރު އެވެ. އެ ހަމަލާގައި އެމަނިކުފާނަށް އެތައް ޒަހަމްތަކެއް ލިބިވަޑައިގަތުމާ ގުޅިގެން އޭޑީކޭގައި އެޑްމިޓްކޮށް ހޭނައްތައިގެން ގެންދިޔައީ ފަރުވާދެމުންނެވެ.

ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވީ އެހަމަލާއަކީ ރައީސް ނަޝީދުގެ ފުރާނަ ދުއްވާލަން ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ. އަދި އެ ހަމަލާ ދިނުމުގައި ބައިވެރިކަމަށް ތުހުމަތުވާ ހަތަރު މީހަކު ފުލުހުންގެ ތަހުގީގަށް ފާހަގަވެ އެ މީހުން ހޯދާ ހައްޔަކުރުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.