ރޭގެ ހަމަލާ އާއި ގުޅޭ އިންޓެލިޖެންސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ނީލޯފަރު ހިނގުން ސަރަހައްދުގައި އެއްޗެއް ގޮައްވާލާ ރޭ ދިން ހަމަލާ އާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ރޭގެ ހަމަލާ އަށް ފަހު ގައުމީ ސަލާމަތާ ބެހޭ މަޖިލިސްގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި، ހަމަލާގެ ކުރިން އިންޓެލިޖެންސް މައުލޫމާތު ލިބުނުތޯ އާއި ހަމަލާ އާއި ގުޅިގެން ވަށައިގެން ހުރި ކަންތައްތަކާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށެވެ.

"ހަމަ ގައިމުވެސް ދިވެހި ފުލުހުންގެ ހިދުމަތަކަށެއް، އަޅުގަނޑުމެންގެ ތެރޭ އޮތް އިންޓެލިޖެންސް އަކަށް ރޭގައި މި ހިނގައިދިޔަ ހަމަލާ އާއި ގުޅިގެން އިންޓެލިޖެންސްގެ އެއްވެސް އިންޕުޓެއް ލިބިފައެއް ނުވޭ،" ސީޕީ ވިދާޅުވި އެވެ.

ފުލުހުންގެ އިންޓެލިޖެންސް މަސައްކަތް ނުހުއްޓޭ ކަމަށާއި ނަމަވެސް، ހަމަލާއާ ގުޅިގެން ފުލުހުންނަށް އިންޓެލިޖެންސް ނުލިބުނީ އަދި ނުހޯދުނީ ކީއްވެތޯ ބަލަން ޖެހޭ ފަރާތްތަކުން ބަލާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންގެ ޕްރަޔޮރިޓީ އަކީ ހަމަލާ އާއި ގުޅިގެން ހިފާ ހައްޔަރު ކުރަން ޖެހޭ ފަރާތްތައް ހިފައި ހައްޔަރުކޮށް، ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން،" ސީޕީ ވިދާޅުވި އެވެ.

ހާދިސާގެ މައުލޫމާތު ނުލިބި އޮތުމުން ނަގަން ޖެހޭ ޒިންމާވެސް އެނގޭނީ އެކަމުގެ ތަހުގީގަކަށް ފަހު ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ކޮންމެ ދުވަހަކުވެސް އެފަދަ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރާ ބަޔެއް. ކުރިން ވެސް ހުއްޓުވާފައި ހުންނާނެ،" ސިޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ފުލުހުން ހާދިސާ ތަހުގީގު ކުރަމުންދަނީ އެންމެ އިސްކަމެއް ދީގެން ބަލާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އެ ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ރިޔާޒު ވިދާޅުވީ ރޭގެ ހަމަލާގައި ބޭނުންކޮށްފައި ހުރީ މިލިޓަރީ ގްރޭޑުގެ ގޮވާ ތަކެތި ނޫން ކަމަށެވެ. ނަމަވެސް ބޭނުންކޮށްފައި ހުރީ ފުރާނައަށް ނުރައްކާވާފަދަ ހަމަލާއެއް ދެވޭނެ ފަދަ ތަކެތި ކަމަށް ވިދާޅުވި އެވެ.

ރޭގެ ހަމަލާ ފުލުހުން ތަހުގީގު ކުރަމުންދަނީ ރައީސް ނަޝީދު ގެ ފުރާނައަށް ގެއްލުން ދިނުމަށް ދީފައިވާ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައެވެ. އެ ހަމަލާގެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި އިރުތު ފަރާތްތަކުގެ އެހީތެރިކަން ލިބެން ފަށާނެ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ ރޭގެ ހަމަލާގެ ސީދާ މަގުސަދު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި ބޭރުގެ އެއްވެސް ޓެރަރިސްޓު ޖަމާއަތަކާ ގުޅުން ހުރި ހަމަލާއެއްކަމަށްވެސް އަދި ނޭނގޭ ކަމަށެވެ.

"އަނެއްކާވެސް ފުލުހުންގެ އިންޓެލިޖެންސް ނެޓްވޯކަށް އެފަދަ ކަމެއް ނޭނގުނީ ކީއްވެތޯ އަޅުގަނޑުމެން ޖެހޭނީ ބަލަން. ބަލާފައި ދެން އަޅުގަނޑުމެން އެނގިގެންދާނީ [އިންޓެލިޖެންސް] ފެއިލްވެފައިވާ ކަމަށް،" ހަމީދު ވިދާޅުވި އެވެ.