ވޮޝިންޓަން (ފެބްރުއަރީ 11) ޗައިނާއަށް އިންޒާރުތައް ދިނުމާއި ޗައިނާއަށް ފާޑުކިޔުމުގައި ހޭވެރިވުމަށް ސިންގަޕޫރުން އެމެރިކާއަށް އިލްތިމާސްކޮށްފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެން އުޅުއްވާ ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ކޭ. ޝަންމުގަމް އެމެރިކާގެ ހާރިޖީ ވަޒީރާ ހިލަރީ ކްލިންޓަނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ޗައިނާއާ ދެކޮޅަށް އެމެރިކާ ދެމުން ގެންދާ އިންޒާރުތަކަކީ އޭޝިޔާގައި ނުތަނަވަސްކަން އުފެދިގެން ހިނގައިދާނެ ކަމެއް ކަމުގަ އެވެ.

އެމެރިކާ ޗައިނާއަށްދޭ އިންޒާރުތަކުގެ ފަހަތުގައި އެމެރިކާ އެތެރޭގެ ފިއްތުންތަކާއި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ޑިމާންޑްތައް އޮވެދާނެ ކަމަށް ކޭ. ޝަންމުގަމް ވިދާޅުވި އެވެ. ސިންގަޕޫރަކީ އަސްކަރީ ގޮތުން އެމެރިކާއަށް އެއްބާރުލުންދޭ ގައުމެކެވެ.

އެމެރިކާގެ އަސްކަރީ ލޮޖިސްޓިކް ބޭހެއް ސިންގަޕޫރުގައި ގާއިމްކޮށްފައިވެ އެވެ. ނަމަވެސް ދުނިޔޭގެ ބޮޑު ބާރަކަށްވެ ހުރިހާ ދާއިރާތަކެއްގައި އެމެރިކާއާ ވާދަކުރަމުންދާ ޗައިނާއަކީ ނަސްލީ ގޮތުންނާއި އަވަށްޓެރި ކަމުގެ ގޮތުންނާއި ވިޔަފާރިއާއި އިގުތިސާދީ ރޮނގުތަކުގައި އެމެރިކާ އަށްވުރެ ސިންގަޕޫރާ މާމުހިއްމު ގުޅުންތަކެއް އޮންނަ ގައުމެކެވެ.

އެމެރިކާ ގެންދަނީ ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ފާޅުވަމުންދާ ޗައިނާއަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ފާރަލަމުންނެވެ. ޗައިނާގެ އިގުތިސާދީ ބާރުގެ އިތުރުން އަސްކަރީ ބާރުވެސް ވަނީ އެމެރިކާ ޖެހިލުންވެ ކަންބޮޑުވާ ބާރުތަކެއް ކަމަށް ވެފަ އެވެ. ސްޓްރެޓީޖިކް ރިޕޯޓްތައް ބުނާ ގޮތުން 2018 ވަނަ އަހަރާއި 2020 އަހަރާ ދެމެދު އިގުތިސާދީ ގޮތުން ޗައިނާ، އެމެރިކާއާ އެއްހަމައަކަށް ދާނެ އެވެ. (ނޫސްއެޖެންސީތައް)