އއ. ރަސްދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިންޑިއާ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

ކޮވިޑް ޖެހިފައިވާ އިންޑިއާ ފަތުރުވެރިޔަކު ރަސްދޫގައި މަރުވިކަން އެ ރަށު ކައުންސިލުން "ސަން"އަށް ކަށަވަރުކޮށްދިނެވެ.

މިއީ މިދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ތިން ވަނަ މީހާ އެވެ. އެއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 77 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.

ރަސްދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ސިމާއު "ސަން"އަށް ވިދާޅުވީ، އެ މީހާ މަރުވެފައިވަނީ މިއަދު މެންދުރު ފަހު 3:00 އެހާކަންހާއިރު ކަމަށެވެ.

"ގާތްގަގަނޑަށް 60 އަހަރު އެމީހާއަށް ވާނީ. އެ ފަތުރުވެރިޔާ މަރު ކޮންފާމް ކުރީ ހޮސްޕިޓަލަށް ގެނެސްގެން 3:45ގައި،" އެރަށު ހޮސްޕިޓަލާ ހަވާލާދީ ސިމާއު ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަސްދޫގެ ކޮވިޑް ކޭސްތަކާ ގުޅިގެން އަރާ ފޭބުން މަނާކުރީ، މިދިޔަ ހުކުރު ދުވަހު އެވެ. މިހާތަނަށް 22 މީހަކު އެރަށުން ޕޮޒިޓިވްވެފައިވެ އެވެ.

ސިމާއު ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 13 ދިއްވެއްސަކާއި އިންޑިއާގެ ހަތް ފަތުރުވެރިއެއް އަދި ދެ ބަންގަލަދޭޝް މީހެއް ކަމަށެވެ.

ރަސްދުއިން އިންޑިއާ ފަތުރުވެރިޔަކު މަރުވި އިރު، ޅ. ނައިފަރުންވެސް މިއަދު ވަނީ އުމުރުން 88 އަހަރުގެ މީހަކު މަރުވެފައި އެވެ. އަދި ރޭ ދަންވަރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުންް 77 އަހަރުގެ މީހަކު ވެސް ވަނީ މަރުވެފަ އެވެ. އެއާއެކު މިއަދު އެކަނި ތިން މީހަކު ކޮވިޑް ޖެހިގެން ރާއްޖެއިން ވަނީ މަރުވެފަ އެވެ.

މިހާރު ކޮވިޑް ކޭސްތައް އިންތިހާއަށް ގިނަަވަމުންދާއިރު، އިއްޔެ އެކަނިވެސް ރާއްޖެއިން 700އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 400އަށްވުރެ ގިނަ މީހުން ޕޮޒިިޓިވްވެފައި ވަނީ މާލެއިންނެވެ.

ކޮވިޑް ކޭސްތައް ގިނަވަމުންދާތީވެ، އެޗްޕީއޭއިން ވަނީ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން މިރެއިން ފެށީގެން، ރޭގަނޑު 9:00އިން ފަތިހު 4:00އަށް ކާފިއު ވަނީ އިއުލާންކޮށްފަ އެވެ. އަދި ޒަރޫޒީ ބޭނުމެއް ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް އޮތީ މަނާކޮށްފަ އެވެ.