ކޮލަންބޯ (ފެބްރުއަރީ 11) : ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ޕާކިސްތާނަށް ވަޑައިގެން ރައީސް އަސިފް އަލީ ޒަރުދާރީއާ ބައްދަލު ކުރައްވައިފި އެވެ.

ސްރީލަންކާގެ ރިޔާސީ މީޑިޔާ ބުނިގޮތުގައި މިއީ ސްރީލަންކާގެ ރައީސް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ބޭނުމަކީ ޒަމާނުއްސުރެ ދެގައުމުގެ ދެމެދުގައި އޮންނަ އަސްކަރީ އިގުތިސާދީ އަދި ވިޔަފާރީގެ ހާއްސަ ގުޅުންތައް އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމެވެ. ޒަރުދާރީ އާއި ރާޖަޕަކްސާގެ ބައްދަލުކުރެއްވުގައި ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ ސަރަހައްދެއް ގާއިމް ކުރުމަށް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ޕާކިސްތާނުގެ މީޑިޔާ ހަބަރުދެ އެވެ. ރާޖަޕަކްސަ މިއަދުގެ ވަގުތެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީއާ ވަކިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ޕާކިސްތާނުގެ ލީޑަރުންނާ އެކު ރާޖަޕަކްސަ ދައްކަވާ ރަސްމީ ވާހަކަތައް ބިނާކުރައްވާނީ ދެގައުމުގެ އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ބެހޭގޮތުންނެވެ. ނަމަވެސް ސައެންސާއި ޓެކްނޮލޮޖީ އާއި ދަނޑުވެރިކަން ތަރައްގީ ކުރުމުގެ ދާއިރާތަކުގައި އެތަށް އެއްބަސްވުންތަކެއްގައި ދެގައުމުގެ މަސްއޫލުވެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ސްރީލަންކާގެ މީޑިޔާ ބުނެ އެވެ.

ޕާކިސްތާނަކީ އަސްކަރީ ގޮތުންނާއި ޖާސޫސީ ދާއިރާގައި ވަރަށް ކުރީއްސުރެ ސްރީލަންކާއަށް އެހީތެރިވަމުން ގެންދާ ގައުމެކެވެ. ސްރީލަންކާގެ އަހްލީ ހަނގުރާމައިގެ ދުވަސްވަރު ޕާކިސްތާނުން ހަތިޔާރާއި އަސްކަރީ ތަމްރީން ސްރީލަންކާ ސިފައިންނަށް ދީފައިވެ އެވެ. އަދި ސްރީލަންކާގެ ޖާސޫސީ ނިޒާމް ޒަމާނާއެއްގޮތަށް ބިނާކޮށް ދިނުމުގަ އާއި އެދާއިރާއަށް ބޭނުންވާ މީހުން ތަމްރީން ކޮށްދިނުމުގައި ޕާކިސްތާން މުހިއްމު ދައުރެއް އަދާކުރަމުން ގެންގޮސްފައިވެ އެވެ.

ސްރީލަންކާގައި ވަކިވެ ގަތުމަށް މަސައްކަތްކުރި ތަމަޅަ ޓައިގަރުން ބަލިކޮށްލުމުގައި އެގައުމަށް އަސްކަރީ ގޮތުންނާއި ޖާސޫސީ ގޮތުން އެހީތެރިވެފައިވާ މައިގަނޑު ތިން ގައުމަކީ ޕާކިސްތާން، ޗައިނާ އަދި އީރާނެވެ. (ނޫސްއެޖެންސީތައް)