ހޮނިހިރު ދުވަހުން ފެށިގެން މާލެ ސިޓީގައި ވެކްސިން ޖެހުން ދުވާލުގެ ވަގުތަކަށް ބަދަލުކޮށްފި އެވެ.

އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، މިރޭ މާލެ ސިޓީގެ ހުރިހާ ވެކްސިން ސެންޓަރުތަކެއް ބަންދުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިތުރު ތަފްސީލު ދެމުން ކޮވިޑް މައުލޫމާތު ހާމަ ކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު "ސަން"އަށް ވިދާޅުވީ، މިރެއިން ފެށިގެން 9:00 އިން ފަތިހު 4:00އަށް ކާފިއު ވަގުުތުކަމުން މިއަދު ވެކްސިން ނުޖަހާނެ ކަމަށެވެ.

"އޭގެ ބަދަލުގައި ދެން ވެކްސިން ޖަހަން ފަށާނީ ހޮނިހިރު ދުވަހުން ފެށިގެން،" މަބްރޫކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދުވާލު ވަގުޔު ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން 11:00އަށް ކަމަށެވެ.


ރޭގަނޑު ގަޑި އެންމެ ދެ ގަޑިއިރަށް ވެކްސިން ޖެހުމުގެ ސަބަބުންނާއި ވެކްސިން ލިބުން ދަތިވެފައިވާތީވެ، ސެންޓަރުތަކުގައި ބޮޑު ކިއު ކޮންމެ ރެއަކު އޮވެ އެވެ. ދުވާލު ގަޑިއަށް ވެކްސިން ޖެހުމަށް ބަދަލު ކުރި ނަމަވެސް، އަދިވެސް ވެކްސިން ޖަހާ ވަގުތަކީ އެންމެ ދެ ގަޑި އިރެވެ.

މިހާތަނަށް 299،407 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖަހާފައިވަނީ، 119،518 މީހުންނެވެ.

ރާއްޖޭގައި ޖަަހަމުން އަންނަނީ ތިން ވައްތަރެއްގެ ވެކްސިންނެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާ އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވެ، މާލެ ސަރަހައްދުގައި އެ ވެކްސިން ޖެހުން ވަނީ ހުއްޓާލާފަ އެވެ. އެޗްޕީއޭއިން ބުނެފައިވަނީ، މިހާރު މަސައްކަތް ކުރަމުންދަ ދަނީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ކޮވިޝީލްޑްގެ ވެކްސިން އާ ބެޗެއް ލިބޭތޯ އެވެ.