10 Feb 2012, 21:19
ހަމަނުޖެހުން ހުއްޓާލައި ސުލްހަވެރި އަމާން ވެއްޓެއް ގާއިމު ކުރަން މަޝްވަރާ އިސްކުރުމަށާއި ދެކޮޅުވެރި ކަމާއި ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންކަމުން ދުރުހެލިވުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމުން) ގޮވާލައިފި އެވެ.
އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެއާއި ރާއްޖޭގެ ބައެއް ރަށްރަށުގައި މިދިޔަ ބުދަ ދުވަހު ކުރި މުޒާހަރާތަކުގައި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ލިބި އާންމުންގެ މުދަލާއި އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއްދީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އަމަން ބަލަހައްޓާ ފަރާތްތަކުގެ ވާޖިބަށް ހުރަސްއަޅާ ފުލުހުންގެ މަރުކަޒުތަކާއި ކޯޓުތަކުގައި ރޯކޮށް ބޮޑެތި ހަމަނުޖެހުން ތަކެއް ހިންގުމާއި ގުޅިގެން އެތަންތަނުން ލިބެން ޖެހޭ އަސާސީ ހިދުމަތްތަކަށް ބުރޫއަރާ އެތައް ބަޔަކުގެ އިންސާނީ ހައްގުތަށް ގެއްލިފައިވާ ކަމަށެވެ.
"... މިކަންކަމުގެ ތެރޭގައި ހިމެނޭ އިންސާނީ ހައްގުތަކާއި ގުޅުން ހުރި ކަންކަން މިގެން ދަނީ މި ކޮމިޝަނުން ބަލަމުން. މިކަންކަމުގެ ތަހުގީގު ހިންގާ އެހެން މުއައްސަސާތަކުން ވެސް ކުށުގެ ތުހުމަތުގައި ހައްޔަރުކުރުމާއި ތަހުގީގުކުރުމުގައި ވެސް އެއްވެސް މީހަކާމެދު އެއްވެސް އަނިޔާވެރި ދަށުދަރަޖައިގެ އަމަލެއް ނުހިންގުމަށާއި ހައްޔަރުކުރެވޭ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް މި ކޮމިޝަނުން އިލްތިމާސްކުރަން،" އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެއްވެސް ފަރާތަކުން މުޖުތަމައުގައި ހަމަނުޖެހުމާއި ބިރުވެރިކަން އުފެއްދުމަށް މަގުފައިވާ ފަދަ ކަންކަން ނުކުރުމުގެ އިތުރުން އެފަދަ ވާހަކަތައް ނުފެތުރުމަށް ވެސް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"މިފަދަ ކަންތައް ތަކަކީ އިސްލާމީ އަދި ޑިމޮކްރެޓިކް މުޖުތަމައުއެއްގައި އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަންތައްތަކެއް ނޫނެވެ،" ބަޔާނުގައި ބުނެފައި ވެއެވެ.
ހިއުމަން ރައިޓްސްކޮމިޝަނުން މިއަދު ބަޔާނެއް ނެރެފައިވާއިރު ރާއްޖޭގެ ވެރިކަން މިދިޔަ އަންގާރަދުވަހު ބަދަލުވުމަށް ފަހު އެމްޑީޕީން މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ބުދަދުވަހު ބޭއްވި މުޒާހަރާތަށް ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެ އެތަށް ބަޔަކަށް ބޮޑެތި އަނިޔާ ތަށް ލިބުމުގެ އިތުރުން ބައެއް ރަށްރަށުގެ ކޯޓްތަކައި ފުލުސް އޮފީސްތަކާއި އެއްގަމުދުއްވާ އުޅަނދު ފަހަރުގައި ހުލުޖެހުމުގެ އިތުރުން ބައެއް މީހުންގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތައް ދީފައެވެ.
މަޝްވަރާތައް އިސް ކުރުމަށް އެޗްއާރްސީއެމުން ގޮވާލި އިރު އަންގާރަ ދުވަހު ސަރުކާރު ބަދަލުވީ މާލޭތެރޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލި ކަމާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނީ އިމުގެ ބޭރުން ހައްޔަރުކޮށްފައިވާ މައްސަލައަށް ހައްލެއް ހޯދަން 13 ސިޔާސީ ޕާޓީއަކުން ބައިވެރިވާ ސުލްހައިގެ ބައްދަލުވުންތައް ބޭއްވުމަށް އެޗްއާރްސީއެމުން ކަނޑައަޅައި އެ ބައްދަލުވުން ބާއްވަން އޮތް ދުވަހު އެވެ.