06 May 2021, 14:55
ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ހިންގާ ކަސްރަތު ކުލާސްތަކާއި ޖިމްތަކާއި ސެލޫންތައް އަދި ސިނަމާތައް ބަންދު ކުރަން އަންގައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މި އެންގުން އަންގާފައ މިވަނީ މާލެ ސަރަހައްދުގައި، ޖުމްލަކޮށް މުޅި ރާއްޖޭގައި ވެސް ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވެފައި ވަނިކޮށެެވެ.
އެޗްޕީއޭގެ އެންގުމުގައި ވަނީ މާދަމާ، މެއި 7 އިިން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް އަދި ސިނަމާތަކާއި ސެލޫންތައް ބަންދު ކުރަން އަންގާ ކަމަށެވެ.
މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް ބޭރަށް ނިކުމެ އުޅުން މަނާކޮށް ރެއިން ފެށިގެން ވަނީ ކާފިއު ހިންގަން ފަށައިފައެވެ.
މީގެ އިތުރުން ދުވާޓްރެކްތަކާއި ޕާކުތަކާއި މައިޒާންތައް ބަންދުކޮށްފައިވާއިރު އެއްރަށން އަނެއް ރަށަށް ޒަރޫރީ ބޭނުމަކަށް ނޫނީ ދަތުރު ނުކުރަން ވަނީ އަންގައިފައެވެ. ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ފަރާތްތަކަށް ދަތުރުކުރުމުގައި ދިން ލުއިވެސް ވަނީ ހިފަހައްޓައިފައެވެ.
ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާއިރު ފާއިތުވި ދެ ހަފްތާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ރެކޯޑު އަދަދަކަށްއިތުރުވެފައެވެ. އިއްޔެ އެކަނިވެސް 734 މީހަކަށް ބަލި ޖެހުނު އިރު 540 މީހުން ޕޮޒިޓިވް ވެފައި ވަނީ މާލެ ސަރަހައްދުންނެވެ.
މިހާރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 7،109 އަށް އަރާފައިވާއިރު މިއީ ރާއްޖޭގައި ބަލިފެތުރެން ފެށިފަހުން ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު މިހާ އިތުުރުވި ފަހަރެވެ. މިވަގުތު 198 މީހުން ހޮސްޕިޓަލުތަކުގައި ތިބިއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރި އިތުރު ފެސިލިޓީތައް ގާއިމްކޮށް އެނދު އިތުރުކުރަން ފަށާފައިވާ ކަމަށް އެޗްއީއޯސީ އިން ރޭ ބުންޏެވެ.