06 May 2021, 15:07
ރާއްޖެ އަށް ބޭނުންވާ ސިއްހީ ހިދުމަތްތެރިން ގެނައުމަށް ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ ދިވެހި އެޖެންސީތަކަށް ފުރުސަތު ދިނުމަށް ޔޫނިއަން ފޯ އެމްޕްލޯއިމެންޓް އެޖެންސީސް އޮފް ދަ މޯލްޑިވްސް (ޔޫއީއޭއެމް) އިން ގޮވާލައިފި އެވެ.
އެ ޔޫނިއަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ބޭނުންވާ ބޭރު ސިއްހީ ހިދުމަތްތެރިން ރެކްރޫޓް ކުރަމުން ގޮސްފައި ވަނީ ރާއްޖޭގެ އެޖެންސީތަކުން ހެލްތު މިނިސްޓްރީގައި ރެޖިސްޓާ ވެގެން ކަމަށާއި ނަމަވެސް 3 މާޗު 2021ގައި އެކަން ކުއްލިއަކަށް ހުއްޓާލާފައިވާ ކަމަށެވެ. ހެލްތުން އެޅި އެ ފިޔަވަޅު ކުށްވެރިކޮށް އެ ބަޔާނުގައި ބުނީ އެންމެ ފަހުން ހުސް މަގާމުތަކަށް މީހުން ގެނައުމަށް ދިވެހި އެޖެންސީތަކަށް އަންގާފައި ވަނީ ޑިސެމްބަރު ފަހެއް، 2020ގައި ކަމަށެވެ.
ކޮވިޑުގެ މިހާލަތުގައި ސިއްހީ ހިދުމަތްތެރިން ނުލިބުމުގެ ކަންބޮޑުވުން ފާޅުކޮށް ބޭރުން ވެސް ޑޮކްޓަރުން ހޯދަން މަސައްކަތް ކުރާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވެސް ރޭ ވިދާޅުވި ކަމަށާއި ސިއްހީ ހިދުމަތްތެރިން މަދުވެ، ސިއްހީ ހިދުމަތްތެރިންނަށް ރާއްޖެ ޖެހުނު އެއް ސަބަބަކީ ޑައިރެކްޓުކޮށް އިންޑިއާގެ އެންމެ އެޖެންސީ އެއް ލައްވައި ކޮރަޕްޝަނަށް މަގުފަހިވާނެހެން، ރާއްޖެ އަށް ބޭނުންވާ ސިއްހީ ހިދުމަތްތެރިން ގެނައުމަށް މަސައްކަތް ކުރުން ކަމަށް އެ ޔޫނިއަންގެ ބަޔާނުގަައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ރާއްޖޭގައި މިހާރު މި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިއްހީ ހިިދުމަތްތެރިން ހޯދުމަށް ހެލްތު މިނިސްޓްރީ އިން މިފަހަކަށް އައިސް ނިންމާފައިވާ ނިންމުންތަކުން، ރާއްޖޭގައި ރެޖިސްޓްރީވެގެން ރެކްރޫޓްކުރާ ކުންފުނިތަކށް ސިއްހީ ހިދުމަތްތެރިން އެކަށީގެންވާ މިންވަރަށް ނުލިބުމުން ރައްޔިތުންނަށް ވެސް އޭގެ ގެއްލުން ކުރިމަތިވާނެ ކަމަށެވެ.
"އިންޑިއާގެ ކޮވިޑް ހާލަތު އެންމެ ގޯސްވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ އެންމެ އެޖެންސީއަކަށް މި ފުރުސަތުދީ ހަމައެކަނި އެ ގައުމަށް ބަރޯސާ ވުމަކީ މި އެސޯސިއޭޝަނުން ނުހަނު ކަންބޮޑުވާކަމެކެވެ." އެޖެންސީ ތަކުގެ ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.