06 May 2021, 12:40
ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ނިންމާފައިވާ ކަމަށް ކުޑަކުިދންގެ ހާއްސަ ޑޮކްޓަރު އަދި އިމިއުނިޒޭޝަންގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާމަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗުގެ ޑައިޓީޝަން އާޝިއާ ބަބްދުއްރަހީމް ޓްވިޓާގައި ފާޅުކުރެއްވި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަން ނިންމާފައިވާ ކަމަށެވެ.
އާޝިޔާ ވިދާޅުވީ އޭނާ އިންނެވީ ބަލިވެ ކަމަށާއި ހޮސްޕިޓަލުގައި މަސައްކަތް ކުރާ މީހަކަށް ވުމުން ބައްޔަށް ހުށަހެޅުމުގެ ފުުރުސަތު ބޮޑު ކަމަށެވެ. މާބަނޑުމީހުންނަށް ވެކްސިން ނުދޭތީ، އޭނާގެ ކުޑަ ދެކުދިންނާއި އާއިލާ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށާއި ފަރުދީ ޒިންމާ އަދާކޮށް ގޭގައި ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް ފައިޒާ އަދި މޮޑާނާ ވެކްސިން މާބަނޑު މީހުންނަށް ދެއެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ ބައެއް އުމުރުފުރާތަކުގެ ކުދިންނަށްވެސް ފައިޒާ ވެކްސިން ދޭން ފަށަން ބައެއް ގައުމުތަކުން ނިންމާފައިވެ އެވެ.
ރާއްޖޭގައި މިވަގުތު ދެނީ ފައިޒާ ވެކްސިންގެ އިތުރުން ސައިނޯފާމް އަދި ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްޑާއި ސައިނޯފާމް ވެކްސިން ދެނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. ފައިޒާ ވެކްސިން 16 އަހަރުން މައްޗަށް ދޭއިރު އެ ވެކްސިން ދެނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށައި އުމުރުން ދުވަސްވީ މީހުންނަށެވެ.
ފައިޒާ ވެކްސިންގެ އިތުރު ޑޯޒް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.