ޓެލްއަވީވު (މޭ 6) : އިސްރާއީލުގައި ޖެހިޖެގެން ބޭއްވި ހަތަރުވަނަ އިންތިޚާބަށް ފަހު ސަރުކާރެއް އެކުލަވާލުމަށް ހަވާލުކުރި މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަން ކުރުމުގައި ނާކާމިޔާބުވެފައިވާތީ ނަތަންޔަހޫއާ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށްވާ ޔައިރް ލަޕިޑްއާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ.

އިސްރާއީލުގެ ރައީސް ރެއުވެން ރިވްލިން ވިދާޅުވި ގޮތުގައި ސަރުކާރެއް އެކުލަވާލުމުގައި ނަތަންޔަހޫ ނާކާމިޔާބުވެފައިވާތީ އިސްރާއީލުގެ ޕާލަމެންޓް މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު މިހާރު އިދިކޮޅު ލީޑަރެއްކަމަށްވާ ޔައިރް ލަޕިޑްއާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާނެ ކަމުގަ އެވެ. ޔައިރް ލަޕިޑްއާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރީ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އެންމެބޮޑީ އޭނާއަށް ކަމަށް ފެންނާތީކަން ރިވްލިން ހާމަކުރެއްވި އެވެ.

އިސްރާއީލުގައި ދެ އަހަރު ތެރޭގައި ހަތަރު އިންތިޚާބު ބޭއްވިއިރު ވެސް ނަތީޖާ ފެންނަމުންދިޔައީ ދާދި އެއްގޮތަކަށެވެ. އެއީ ސަރުކާރެއް އެކުލަވާލެވޭވަރާ ގާތަށް ވެސް އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ނުލިބުމެވެ. އެހެންކަމުން ދެ އަހަރު ތެރޭގައި ފަސް ވަނަ އިންތިޚާބެއް އިސްރާއީލުގައި ބާއްވަން ޖެހިދާނެކަމުގެ ކަންބޮޑުވުން މިހާރު ވެސްވަނީ އުފެދިފަ އެވެ.

ޔައިރް ލަޕެޑް

އިސްރާއީލަކީ ޕާލަމެންޓްރީ ނިޒާމަށް ވެރިކަން ހިންގާ ގައުމަކަށްވާތީ އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލެވޭނީ ސަރުކާރެއް އެކުލަވާލެވޭވަރަށް (ޕާލަމެންޓްގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަގޮޑި) އިންތިޚާބުން ނޫނީ އިންތިޚާބުގައި ބައިވެރިވި ޕާޓީތަކުގެ މެދުގައި ކޯލިޝަން ހަދައިގެން ނަމަވެސް ހޯދައިގެންނެވެ. ސަރުކާރެއް އެކުލަވާލުމަށް އެންމެފަހުން ހަވާލުކުރި ޔައިރް ލަޕިޑް އަށް ވެސް މިކަން ވެދާނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލުގައި 25 އަހަރު ވެރިކަންކޮށްފައިވާ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ސިޔާސީ މަސްރަހުން ދުރުނުވެ، އެގައުމަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލައަށް ދެން ހައްލެއް ނުލިބޭނެ އެވެ. ސިޔާސީ މަސްރަހުން ދުރުނުވުމަށް ނަތަންޔަހޫ މަސައްކަތް ކުރައްވަނީ އޭނާގެ މައްޗަށް އުފުލިފައިވާ ކޮރަޕްޝަންގެ އެތައް ދައުވާއަކުން ސަލާމަތްވާނެ ހަމައެކަނި ގޮތަކީ ބޮޑުވަޒީރުކަމުގައި ހުންނަވައިގެން ނުފޫޒު ބޭނުންކުރައްވައިގެން ކަމަށްވާތީ ނަތަންޔަހޫ ގެންދަވަނީ ވިދިވިދިގެން ކުރިމަތިވާ ނާކާމިޔާބީތަކާއެކު ވެސް ސިޔާސީ ދާއިރާއިން ދުރަށް ނުދިޔުމަށް މަސައްކަތް ކުރައްވަމުންނެވެ.

ދިގުމުއްދަތަކަށް ނަތަންޔަހޫ ވެރިކަން ކުރައްވައި ފާއިތުވި 25 އަހަރު އިސްރާއީލުގެ މުޅި ސިޔާސީ މަސްރަހުގައި އޭނާގެ ބާރާއި ނުފޫޒު އޮތުމުގެ ނަތީޖާއަކަށްވީ އިސްރާއީލުގައި އިދިކޮޅު ހަރުދަނާ ސިޔާސީ ލީޑަރަކު އުފެދުމުގެ ފުރުސަތު ގެއްލިގެން ދިޔުމެވެ. ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރި ޔައިރް ލަޕިޑް އަކީވެސް ސިޔާސީ ދާއިރާއަށް ވަރަށް އައު އާދައިގެ ސިޔާސީ ބޭފުޅެކެވެ.

އޭނާއަކީ ނޫސްވެރިއެއް ގެގޮތުގައާ އަދި ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ދިގުމުއްދަތަކަށް އުޅުއްވުމަށް ފަހު މީގެ ހައެއްކަ އަހަރު ޕާލަމެންޓަށް ހޮވިގެން ސިޔާސީ ލީޑަރަކަށް ވެފައިވާ ތަޖްރިބާ މަދު ބޭފުޅެކެވެ. (ނޫސްއެޖެންސީތައް)