ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އަންހެނަކު މިރޭ މަރުވެއްޖެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މަރުވަފައި ވަނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 77 އަހަރުގެ އަންހެނެކެވެ.

މި މަރާއެކު ރާއްޖެއިން މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 75 އަށް އަރާފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ މިހާރު މިވަނީ ބޮޑުވެފަ އެވެ.

ދުވާލެއްގެ މައްޗަށް 600 އަށް ވުރެ ގިނަ މީހުން ރާއްޖެއިން މިހާރު ޕޮޒިޓިވްވެ އެވެ. މިއަދު އެކަނި 734 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 540 މީހުންނާއި އަތޮޅުތަކުން 186 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަތް މީހުންނާއި ސިނާއީ ރަށްރަށުން އެކެކެވެ.

ކޮވިޑްގެ ކޭސްތައް ގިނަވުމާއެކު މާލޭގެ ފިޔަވަޅުތައް އެޗްޕީއޭ އިން އަންނަނީ ވަރުގަދަ ކުރަމުންނެވެ.