ކޮވިޑް19އަށް ޕޮޒިޓިވްވެގެން މިހާރު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ 31 މީހުން އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތައް އެޑްމިޓްކުރާ އަދަދު ނިސްބަތުން ބަލާއިރު ވަރަށް ދަށް ކަމަށެވެ.

"ހުޅުމާލޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ 161 މީހުންގެ ތެރެއިން 91 ފަރާތަކީ ފުރަތަމަ ޑޯޒު ޖަހާފައިވާ ފަރާތްތައް. އަދި 30 ފަރާތަކީ ދެވަނަ ޑޯޒު ހަމަކޮށްފައިވާ ފަރާތްތައް. އަދި 69 ފަރާތަަކީ ވެކްސިން ނުޖަހާ ފަރާތްތައް." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ މީހުންގެ ތެރޭގައިވެސް ވެކްސިން ޖަހާފައިވާ މީހުން ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

"ޑީއެޗް11ގައި އެޑްމިޓްކޮށްފައިވާ އަށް މީހުންގެ ތެރެއިން ދެ މީހުންނަކީ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުން. އެއް ފަރާތެއް ވަނީ ދެ ޑޯޒު ފުރިހަމަކޮށްފައި. އަދި ހަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން." ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން ބަލިވެފައިވަނީ 2.3 ޕަސެންޓް ކަމަށެވެ. އެ ނަންބަރުންވެސް ވެކްސިން ޖެހުމުގެ މުހިންމުކަން ހާމަވާކަމަށް އޭނާ ވިދާޅުވި އެވެ.

"ވެކްސިނަކީ 100 ޕަސެންޓް ރައްކާތެރިކަން ލިބޭ އެއްޗެއް ނޫން. ގާތްގަނޑަކަށް މި ބަލަނީ 70 ޕަސެންޓްގެ ރައްކާތެރިކަން ލިބޭނެކަމަށް ވެކްސިން ޖަހައިގެން. އެހެން ނަމަވެސް މި ނަންބަރުތަކުން އެބަ އެނގޭ ފުދޭވަރަކަށް ރަނގަޅު ރައްކާތެރިކަމެއް ލިބޭކަން. އެއީ ވެކްސިން ޖެހި މީހުންގެ ތެރެއިން ބަލިވެފައިވަނީ 2.3 ޕަސެންޓް މީހުން ކަމަށް ވާތީ." ޑރ. އަފްޒަލް ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ފުރަތަމަ ޑޯޒު ޖަހާފައިވަނީ 299،407 މީހުންނެވެ. އަދި އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަކޮށްފައިވަނީ 119،518 މީހުންނެވެ.