ރާއްޖޭގައި ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީ، މާލޭގައި ބާއްވަން ތާވަލުކޮށްފައިވާ އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރަން މަޝްވަރާކުރަން ފަށައިފި އެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވީ ކޮވިޑްގެ ނަންބަރުތައް އިތުރުވުމާއި އާންމުންގެ ކަންބޮޑުވުންތަކާއެކު މާލޭގައި ކުޅެން ރާވާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރަން އެފްއޭއެމްއާއި އޭއެފްސީއިން މަޝްވަރާކުރަން ފަށާފައިވާ ކަމަށެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދިއުމާއެކު މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އަޅަން އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި ހާއްސަ ހުއްދައަކާ ނުލައި ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުން މަނާކުރުން ވެސް ހިމެނެ އެވެ.

ފިޔަވަޅުތަކާއެކު ވެސް އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުޅެން އެޗްޕީއޭއިން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

"މިހާތަނަށް އެޗްޕީއޭ އާއި ޔޫތު މިނިސްޓްރީއާ ދެކެވުނު ވާހަކަތަކުގައި އެއްބަސްވެވިފައިވަނީ ހާއްސަ ހުއްދައެއްގެ ދަށުން މިއީ ބައިނަލްއަގުވާމީ މުބާރާތަކަށްވާތީ އެ މެޗުތައް ކުޅުމަށް ޖާގަ ދޭން. ދެން އެކަން ކުރުމުގައި އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިނަކާ އޭއެފްސީގެ ކޮވިޑް ސިޓުއޭޝަނާ ގުޅިގެން ހަދާފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާން ޖެހޭނެ ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.

އެހެން ނަމަވެސް މިފަދަ ދަނޑިވަޅެއްގައި އާންމުންގެ ރައްކާތެރިކަމަށް އިސްކަން ދިނުމަށް ގޮވާލައި، އެ ނިންމުމަށް ގިނަ އަދަދެއްގެ އާންމުން ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔާފަ އެވެ.