06 May 2021, 00:46
މާލެ ސަރަހައްދުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާންކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް19ގެ ކޭސްތައް އިތުރުވުން ކޮންޓްރޯލް ކުރުމަށްޓަކައި މާދަމާ ރެއިން ފެށިގެން (6 މެއި 2021 ދުވަހުގެ ރޭ) މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 9:00އިން ފަތިހު 4:00އަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ.
ކާފިއު ހިންގާ ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެކެވެ. އަދި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ހިދުމަތްތަކަށް މީގެ ކުރިން ވެސް ދޫކުރި ފަދައިން ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މީގެ ކުރިން އެންމެ ފަހުން މާލެ ސަރަހައްދުގައި ކާފިއު އިއުލާންކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގަ އެވެ. އެއީ ރޭގަނޑު 11އިން ފަތިހު 4:30 އަށެވެ. އެ ފަހަރު އިއުލާންކުރި ކާފިއު އުވާލީ އޭގެ ދެ މަސް ފަހުން، އޭޕްރީލް އެއްވަނަ ދުވަހުގަ އެވެ.
މާލޭ ސަރަހައްދުގައި އަނެއްކާވެސް ކާފިއު އިއުލާންކޮށްފައިވަނީ މިވަނީ ފަހަކަށް އައިސް ކޮވިޑް19ގެ ކޭސްތައް އިތުރުވެ، ކޮންޓްރޯލުން ނެއްޓިފައިވަނިކޮށެވެ.
ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު 600އިން މަތީގައި އުޅޭއިރު، މިއަދު އެކަނިވެސް 734 ވަނީ ޕޮޒިޓިވްވެފަ އެވެ.
މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 7،109 އަށް ވަނީ އަރާފަ އެވެ. އަދި އޭގެ ތެރެއިން 198 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.