ރާއްޖެއަށް ގިނަ އަދަދެއްގެ ބޭރު ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

އިންޑިއާގެ ނޯކާ ރޫޓްސް ރެކްރޫޓިން އޭޖެންސީން އިއުލާންކޮށްފައިވަނީ ރާއްޖޭގެ ހެލްތު މިނިސްޓްރީން ބޭނުންވެގެން މައިގަނޑު ހަ ކެޓަގަރީއަކުން މެޑިކަލް ސްޓާފުން ހޯދުމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ؛

  • ކޮންސަލްޓެންޓް: 230

  • ރެޖިސްޓާޑް ނަރުހުން: 150
  • މެޑިކަލް އޮފިސަރު: 100
  • ޑެންޓިސްޓް: 20
  • ރޭޑިއޯގްރާފަރު: 10
  • ފިޒިއޮތެރަޕިސްޓް: 10

ކޮންސަލްޓެންޓުންގެ ޖުމުލަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 2939 ޔޫއެސް ޑޮލަރު (45،319ރ) އެވެ. ޑެންޓިސްޓުންނާއި މެޑިކަލް އޮފިސަރުންނަށް 1514 ޑޮލަރު (23،345ރ)ގެ މުސާރައެއް ކަނޑައަޅާފައިވާއިރު، ނަރުހުންނަށް ހުށަހަޅާފައިވަނީ 953 ޑޮލަރު (14،695ރ)ގެ މުސާރައެކެވެ. އަދި ރޭޑިއޯގްރާފަރުންނާއި ފިޒިއޮތެރަޕިސްޓުންނަށް ހުށަހަޅާފައިވާ މުސާރައަކީ 720 ޑޮލަރު (11،102ރ) އެވެ.

އެ މަގާމުތަކުގެ ތެރެއިން ކޮންސަލްޓެންޓުންނާއި މެޑިކަލް އޮފިސަރުން ފިޔަވައި ދެން ހުރި މަގާމުތަކުގެ ޝަރުތުތަކުގެ ތެރޭގައި މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ޝަރުތުތަކުގެ ތެރެއިން ކަނޑައަޅާފައިވާ ތައުލީމީ ފެންވަރުގެ ތެރޭގައި ހިމެނެނީ އެމްބީބީއެސް، ބީޑީއެސް އަދި ބެޗްލާސްއާއި ޑިޕްލޮމާ އެވެ.

މިއީ އެކޮމަޑޭޝަން އެލަވަންސްއާއި ފުޑް އެލަވަންސް ނުހިމެނޭ ގޮތަށް ލިބޭ މުސާރައިގެ އަދަދެވެ.

އެ މަގާމުތަކަށް ކުރިމަތިލާން އެދި ހުށަހަޅަން ސުންގަޑި ހަމަވާނީ މި މަހުގެ 15ވަނަ ދުވަހަށެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ޑޮކްޓަރުންާއި ނަރުހުން ހޯދަން އިއުލާންކޮށްފައިވާއިރު، ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް19ގެ ކޭސްތައް އިތުރުވެ، ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާއި ހިދުމަތްދޭ ތަންތަނަށް ނުކަތާވަރަށް ވަނީ ބާރުބޮޑުވެފަ އެވެ.