ކޮވިޑް19ގެ ކޭސްތައް ބޮޑުތަނުން އިތުރުވެ، ހޮސްޕިޓަލްތަކަށް ބާރުބޮޑުވުމާއެކު ހުުޅުމާލޭ ހޮސްޕިޓަލަށް 50 އެނދު އިތުރުކުރަން ނިންމައިފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ކުރިމަތިލާ ރާޅާއެކު އެނދު އިތުރުކުރަން ޖެހޭކަން ކަށަވަރުވާ ކަމަށެވެ.

އެގޮތުން ހޮސްޕިޓަލްތަކުގެ އެނދުތަކާއި އައިސޮލޭޝަން ފެސިލިޓީ އިތުރު ކުރުމަށް ކޮންޓިންޖެންސީ ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

"ހުޅުމާލޭ ހޮސްޕިޓަލްގައި ވަކި އިމާރާތެއްގެ ގޮތުގައި ހުރި އިމާރާތުގައި 50 އެނދު އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް މިހާރު މިވަނީ ފެށިފަ. އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމަށް ވެސް މަސައްކަތްއެބަ ކުރެވޭ. ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ މިހާރު ހުރީ ގާތްގަނޑަކަށް ފުރިފަ. މިކަމާ ގުޅިގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީ އަނެއްކާވެސް އޮޕަރޭޝަނަށް ގެންނަން މިހާރު މި އަންނަނީ މަސައްކަތް ކުރަމުން،" މަބްރޫކް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް---

މަބްރޫކް ވިދާޅުވީ އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހެދުމާއި އިތުރު ފްލޫ ކްލިނިކެއް މާލެ ސަރަހައްދުގައި ހެދުމަށް މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އިތުރު އައިސީޔޫތައް އޮޕަރޭޝަނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޑީއެޗް 11 މިއޮތީ ފުރިފައި. އިތުރު އައިސީޔޫތައް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް އެބަކުރެވޭ. ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫ ފެސިލިޓީގެ 12 އެނދެއް މިހާރު އޮޕަރޭޝަނަށް ގެނެވިފައިވޭ. އަދި މާދަމާ އިތުރު އަށް އެނދު އޮޕަރޭޝަނަށް ގެނެވޭނެ،" މަބްރޫކް ވިދާޅުވި އެވެ.

ޑީއެޗް11 އައިސީޔޫ ފެސިލިޓީ ފުރިފައިވާއިރު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ހޯދަމުންދަނީ އެއް ޕޭޝަންޓް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން މެޑިކަލް ސްޓާފުން ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކީ ވޮލަންޓިއަރުން ހޯދުމަށް މިހާރު މި އަންނަނީ މަސައްކަތް ކުރަނީ. އެއް އަހަރަށް އައިޖީއެމްއެޗަށް ކޮންޓެކްޓް ސްޓާފުން ހަޔާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. އަދި ރާއްޖެއިން ބޭރުން ވެސް އެއް އަހަރަށް މެޑިކަލް ސްޓާފުން ކޮންޓްރެކްޓަށް ހަޔާކުރެވޭތޯ އެބަ ބަލަމުން ދޭ،" މަބްރޫކް ވިދާޅުވި އެވެ.

އައިސޮލޭޝަން ފެސިލިޓީތަކާއި އެނދުގެ ޖާގަ އިތުރުކުރަން މަސައްކަތް ކުރަމުންދާއިރު، މިވަގުތު ރާއްޖޭގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކޮވިޑް ޕޭޝަންޓުންގެ އަދަދު 198 އަށް ވަނީ އަރާފަ އެވެ.

މިހާތަނަށް 32،665 މީހުން ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 7،109 އެވެ.