ބުދަ ދުވަހު ދައުލަތާއި އަމިއްލަ ބައެއް ފަރާތްތަކުގެ މުދަލަށާއި ތަންތަނަށް އަދި ބައެއް ފުލުހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދިން މައްސަލަތަކާއި ގުޅިގެން ފުލުހުން މިހާރު ކުރަމުންދާ ތަޙުޤީޤަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކާ މެދު ޢަމަލުކުރެވޭ ގޮތްތައް ވީހާ ވެސް ގާތުން ބައްލަވައި ދެއްވުމަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި (އެޗްއާރުސީއެމް) ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޟް ގޮވާލައްވައިފި އެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ހިންގި ހަމަނުޖެހުންތަކުގައި ރަށްރަށުގައި ޤާއިމްކޮށްފައިވާ ބައެއް ޕޮލިސް ސްޓޭޝަންތަކާއި އައްޑޫ ސިޓީގައި ހުރި ޕޮލިސް ޓްރޭނިން ސްކޫލްގައި ވެސް ބަޔަކު ވަނީ ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ އެންމެހާ ފަރާތްތަކަށް ޤާނޫނީ ގޮތުން ލިބިގެންވާ އެންމެހާ ޙައްޤުތައް ލިއްބައިދިނުމަށް މި ތަހުޤީޤްތަކުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންނަށް ވެސް ކޮމިޝަނަރު އޮފް ޕޮލިސް ވަނީ އަންގަވާފައި ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.

އަދި ފުލުހުން ހައްޔަރުކުރާ އެފަރާތްތަކަށް ޤާނޫނީ ވަކީލަކު އައްޔަން ކުރުމާއި ކެއިންބުއިމާއި އެހެނިހެން އިންސާނީ ޙައްޤުތައް ފުރިހަމައަށް ލިއްބައިދިނުމަށް ކޮމިޝަނަރު ވަނީ އަންގަވާފައި ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދި އެ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ހުރިހާ މީހުންނަށް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އަދި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެފަރާތްތަކަށް ލިބެން ޖެހޭ އެންމެހާ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމުގެ ޔަޤީންކަން ވެސް އެންމެހާ ފަރާތްތަކަށް ކޮމިޝަނަރު ދެއްވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.