10:00


ފަހު ވަގުތު އަންދްރޭ އިނިއެސްޓާ ކާމިޔާބުކޮށްދިން ލަނޑާއެކު، ނެދަލޭންޑްސް ބަލިކޮށް، ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ސްޕެއިން ފުރަތަމަ ފަހަރަށް ރޭ ހޯދައިފި އެވެ.


ނަވާރަ ވަނަ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި ފެނުނު ހަމައެކަނި ލަނޑު ޖަހައިފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި ވާތީ، އިތުރަށް ކުޅުނު ފަނަރަ މިނެޓްގެ ދެ ހާފުގެ ތެރެއިން ވެސް ފުރަތަމަ ފަނަރަ މިނިޓް ނިމި، ފަހު ހާފުގެ ބާރަ ވަނަ މިނެޓްގަ އެވެ. މިއީ އޮފްސައިޑް ލަނޑެއް ކަމަށް ބުނެ ހޮލެންޑް ޓީމުން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސާފަ އެވެ.


މެޗުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ސްޕެއިން މޮޅަށް ކުޅެފައިވާއިރު ހޮލެންޑްގެ ރޮބެން އަށް މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ރަނގަޅު ދެ ފުރުސަތު ލިބިފައިވެ އެވެ.


މިފަހަރުގެ ވޯލްޑްކަޕްގައި ދެއްކި އެންމެ ގިނަ ކާޑު މި މެޗުން ފެނިގެން ދިޔައިރު ސްޕެއިން މޮޅުކޮށްދިން ލަނޑު ޖަހައިދިން އިނިއެސްޓާއަށް ދިން ހަމަލާއަކާ ގުޅިގެން ، ހޮލެންޑްގެ ހެއިޓިންގާއަށް ވަނީ ދެ ރީދޫ ކާޑާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. ހޮލެންޑް ޓީމަށް ނުވަ ރީދޫ ކާޑު ދައްކާފައިވާއިރު ސްޕެއިންގެ ފަސް ކުޅުންތެރިއަކަށް ވަނީ ރީދޫ ކާޑު ދައްކާފަ އެވެ.


އެފްރިކާ ބައްރުގައި ބޭއްވުނު ފުރަތަމަ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހައި އެޑިޑާސް ގޯލްޑަން ބޫޓް އުފުލާލުމުގެ ޝަރަފް މިފަހަރު ހޯދީ ބެޔާން މިޔުނިކްގެ އަދި ޖާމަނީ ޓީމަށް ތިންވަނަ ހޯދައި ދިނުމުގައި މުހިއްމު ރޯލެއް ވެސް އަދާކުރި މިޑްފީލްޑަރ ތޯމަސް މުލާ އެވެ. ފައިނަލް މެޗްގެ މޮޅު ކުޅުްތެރިއަކަށް ހޮވުނީ ސްޕެއިންއަށް ވޯލްޑް ކަޕް ތަށި އުފުލާލުމުގެ ޝަރަފް ހޯދައިދިން އަންދްރެ އިނިއެސްޓާ އެވެ.


ނަވާރަ ވަނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހައި އެޑިޑާސް ގޯލްޑަން ބޫޓު އުފުލާލުމުގެ ޝަރަފް މިފަހަރު ހޯދީ ހަތަރު ކުޅުންތެރިއެކެވެ. މިއީ ވޯލްޑްކަޕް ތާރީޚުން ވެސް ފާހަގަކޮށްލެވިގެން ދިޔަ ކަމެއް. ގޯލްޑަން ބޫޓު ލިބުނު ކުޅުންތެރިންނަކީ ހޮލެންޑްގެ ހުނަރުވެރި ފޯވަޑް، އިންޓަމިލާންގެ ވެސްލީ ސްނެއިޑާ އާއި ސްޕެއިން ޓީމުގެ ރޫހް އަދި ވެލެންސިޔާގެ ޑޭވިޑް ވިޔާގެ އިތުރުން ޖާމަނީގެ ބެޔާން މިޔުނިކްގެ ޒުވާން މިޑްފީލްޑަރ ތޯމަސް މުލާ އާއި އުރުގުއާއީގެ ހަލުވި ފޯވަޑް އެތްލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ފޯލާން އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވެސް ވަނީ މިފަހަރުގެ މުބާރާތުގައި ފަސް ގޯލް ޖަހާފަ އެވެ.


ދުނިޔޭގެ އެންމެ ވަރުގަދަ މިޑްފީލްޑްލައިނާ އެކު ނުކުތް ސްޕެއިނަކީ އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމެއް ވެސް ބަލިކޮށްލުމުގެ ގާބިލުކަން ލިބިގެންވާ ޓީމެއްކަން މި މުބާރާތުގައި ވެސް އެޓީމު ވަނީ ސާބިތުކޮށްދީފަ އެވެ. ބާސެލޯނާ އަށް ކުޅޭ ޑޭވިޑް ވިޔާ އާއި ލިވަޕޫލްގެ ފެނާންޑޯ ޓޮރޭސްގެ އިތުރުން އާސެނަލްގެ ފެބްރިގަސް އަދި ބާސެލޯނާގެ ޒަވީ ހެނާންޑޭޒް އާއި އަންދްރޭސް އިނިއެސްޓާ ފަދަ ތަރިން ހިމެނޭ ސްޕެއިން ޓީމަކީ މިމުބާރާތުގެ އެންމެ ބޮޑު އެއް ފޭވަރިޓަށް ވެސް ވަނީ ވެފަ އެވެ.


އެހެން ނަމަވެސް ރޭ ޖޮހަނެސްބާގުގެ ސޮކަ ސިޓީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި އިނިއެސްޓަރ ފިޔަވާ އެހެން އެއްވެސް ކުޅުންތެރިއެއްގެ މޮޅު ކުޅުން ފެނިފައި ނުވާއިރު ރޭގެ މެޗަށް ވެލެންސިޔާގެ ޑޭވިޑް ވިޔާ ނިކުތީ މި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރަންބޫޓު ހާސިލްކުރުމުގެ އުއްމީދާ ވެސް އެކުގަ އެވެ. ނަމަވެސް އިތުރު ގޯލެއް ނުޖެހުމުގެ އިތުރުން އޭނާގެ މޮޅު ކުޅުމެއް ވެސް ދެއްކިފައި ނުވާކަން ތަޖުރިބާކާރުން ފާހަގަކުރެ އެވެ. މީގެ އިތުރުން ހޮލެންޑްގެ ހުނަރުވެރި ފޯވަޑް، އިންޓަމިލާންގެ ވެސްލީ ސްނެއިޑާ ވެސް ރޭގެ މެޗަށް ނިކުތީ ވޯލްޑްކަޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށާއި އެންމެ ގިނަ ގޯލް ޖަހައި އެޑިޑާސް ގޯލްޑަން ބޫޓު އުފުލާލުމުގެ ޝަރަފް ހޯދާ ކުޅުންތެރިޔާއަށްވުމުގެ ފޮނި އުއްމީދާއެކު އެވެ.


ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިޔަން ސްޕެއިން ރޭ މި މުބާރާތުގެ ތަށި އުފުލާލުމާއެކު މިއީ ޔޫރަޕުން ބޭރުގައި ކުޅެގެން ޔޫރަޕްގެ ގައުމަކަށް ވޯލްޑްކަޕް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ 1934 ވަނަ އަހަރާއި 1938 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީ ކާމިޔާބުކުރި ފަހުން، ޖެހިޖެހިގެން ދެ ވޯލްޑްކަޕް ޔޫރަޕަށް ލިބުނު ފުރަތަމަ ފަހަރަށް ވެސް ވަނީ ވެފަ އެވެ. ރޭގެ ފައިނަލް މެޗުން ނެދަލެންޑްސް ބަލިވުން ހިމެނުނީ، ތިން ފަހަރެއްގެ މަތިން ވާލްޑްކަޕް ފައިނަލްގައި ވާދަކޮށް އެގައުމު ބަލިވުން ކަމުގަ އެވެ.


އެފްރިކާ ބައްރުގައި ބޭއްވުނު ފުރަތަމަ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ނެދަލެންޑަށް ލިބުނުއިރު ތިންވަނަ ލިބިފައި ވަނީ ޖަރުމަނުވިލާތަށެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުރުގުއާއީގެ ހަލުވި ފޯވަޑް އަދި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގައި ވެސް ހިމެނުނު ޑިއޭގޯ ފޯލާން އެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ފައިނަލް މެޗުގައި ހޮލެންޑްގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކުރި އަދި މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސްޕެއިން ޓީމުގެ ކެޕްޓަން އިކެއަރ ކަސިއަސްއަށެވެ.


ފީފާ ވާލްޑްކަޕްގެ ތަށި ސްޕެއިންގެ ގައުމީ ޓީމަށް ދެއްވީ، ފީފާގެ ރައީސް ސެޓް ޕްލެޓަރއާއި ދެކުނު އެފްރިކާގެ ރައީސާއި ދެ ބޭފުޅުންނެވެ.