ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އިންތިހާއަށް ގިނަވެ، ހޮސްޕިޓަލުތަކަށް ބާރުބޮޑުވަމުން އަންނަ ދަނޑިވަޅުގައި، ބަލި މީހުންނަށް ފަރުވާ ދިނުމަށް ފަންނަނީ އިތުރު މުވައްޒަފުންގެ ބޭނުން ޖެހިއްޖެ އެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑްގެ އޮޕަރޭޝަންގައި ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ.

އެ މަސައްކަތުގައި ވޮލަންޓިއާ ކުރަން ބޭނުންވާ ހެލްތު ޕްރޮފެޝަނަލުންގެ ވަނަވަރު[email protected]އަށް އީމެއިލް ކުރުމަށް ހެލްތުން ވަނީ އެދިފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ކުރިން ގޯސްނުވާ ވަރަށް ގޯސްފަ އެވެ. އިއްޔެ އެކަނި ރާއްޖެއިން 601 މީހަކު ވަނީ ކޮވިޑް 1 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 440 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.

މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ 6508 މީހަކު ރާއްޖޭގައި ތިބިއިރު އޭގެތެރެއިން 181 މީހަކަށް ފަރުވާ ދެމުން ދަނީ އެޑްމިޓް ކޮށްގެންނެވެ.

އެޑްމިޓްކުރަންޖެހޭ މީހުން ގިނަވެ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އައިސީޔޫ ވަނީ ފުރިފަ އެވެ.

އިންސާނީ ވަސީލަތަކީ ކޮވިޑު މެނޭޖުމެންޓުގައި މުހިއްމު ކަމަކަށް ވާއިރު، ފަރުވާދޭނެ އެނދާއި އާލާތްތައް ހުރިނަމަވެސް ފަރުވާ ދޭނެ އިންސާނީ ވަސީލަތް ނެތުމަކީ ދައްޗަކަށް ވާނެ ކަމެއްކަން ސިއްހީ މާހިރުން މީގެކުރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ހުރިހާ ޑޮކްޓަރުންނަށް އަދި ނަރުހުންނަށް ހަމައެކަނި ކޮވިޑަށް ފަރުވާދޭން ހުސް ނުވެވޭނެ ކަމަށާއި އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެސް ހިދުމަތް ދޭން ޖެހޭކަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަންނަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ. ދެބަޔަށް ބަހައިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރާއިރު، ކޭސްތައް ގިނަވެގެން ދާނަމަ ސިއްހީ ނިޒާމަށް ދަތިވާނެކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެށުނުތާ ކުރީކޮޅު ސަރުކާރުން ވަނީ، ވައިރަސް ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައި އިތުރު ސިއްހީ ހިދުމަތް ތެރިން ބޭނުންވާނެތީ، ބޭރު ގައުމުތަކުގައި ތިބި ދިވެހިން މެޑިކަލް ދަރިވަރުން ރާއްޖެ ގެނެސް ހިދުމަތަށް ނެރެފަ އެވެ.