ދިއްލީ (މެއި 5): އިންޑިއާގައި މެޑިކަލް އޮކްސިޖެން ނުލިބިގެން މީހުން މަރުވުމުގެ ޒިންމާ ނަގަން ޖެހޭ ބަޔަކު އެ ކުރަނީ ޖިނާއީ ކުށެއް ކަމަށާއި އެއީ ގަތުލްއާއްމެއް ހިންގުމާ އެއްފަދަ ކަމެއް ކަމަށް އެގައުމުގެ ހައި ކޯޓަކުން ބުނެފި އެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އަލާހުއާބާދު ހައި ކޯޓުން ބުނި ގޮތުގައި އެ ގައުމުގެ ރައްޔިތުންނަށްވާ ވަރަށް އޮކްސިޖެން ސަޕްލައިކޮށްދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ގައުމުން ފެންނަމުން ދަނީ ތަފާތު މަންޒަރެކެވެ.

"ހޮސްޕިޓަލްތަކަށް އޮކްސިޖެން ފޯރުކޯށްނުދެވުމުގެ ސަބަބުން ކޮވިޑް ބަލިމީހުން މަރުވުމަކީ އޮކްސިޖެން ސަޕްލައިކޮށްދިނުމާ ހަވާލުވެފައިވާ ފަރާތްތަކުން ހިންގާ ޖިނާއީ ކުށެއް އަދި ގަތުލްއާއްމަކަށް ވުރެ ކުޑަ ކަމެއް ނޫން،" ހައި ކޯޓުން އެންގި އެވެ.

އިންޑިއާގައި ފާއިތުވި ދެ މަސް ތެރޭ ކޮވިޑްގެ ކޭސްތައް ރެކޯޑު އަދަދުތަކަށް އެރުމުން ހޮސްޕިޓަލްތައް ފުރި، ބަލިމީހުންނަށް ބޭނުންވާ ވަރަށް އޮކްސިޖެން ފޯރުކޮށްދިނުމުގައި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އަދި ބައެއް ޑޮކްޓަރުންނާއި ބަލިމީހުންގެ އާއިލާގެ މެމްބަރުންނަށް ވަނީ މެޑިކަލް އޮކްސިޖެން ހޯދައި ދިނުމަށް އެދި ސޯޝަލް މީޑިއާގައި އާދޭސް ކުރަން ޖެހިފަ އެވެ.

އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަަދަދު މިހާރު 20.6 މިލިއަނަށް އަރާފައިވާ އިރު އެގައުމުން ވަނީ މިއަދުވެސް ތިން ލައްކައަށް ވުރެ ގިނަ އާ ކޭސް ރިޕޯޓުކޮށްފަ އެވެ. އަދި އިއްޔެ ބަލީގައި 3،780 މީހަކު މަރުވެ، ކޮވިޑް މަރުތަކުގެ އަދަދު 226،188އަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އަސްލު ކޭސްތަކާއި މަރުތަކުގެ އަދަދު އެއަށް ވުރެ ގިނަ ވާނެ އެވެ. އަދި އެ ނަމްބަރު ތަފާތު ވާނެ ސަބަބުތަކުގެ ތެރޭގައި ޓެސްޓު ކުރާ މިންވަރު މަދުވުމާއި ބައެއް މީހުން ޑޮކްޓަރަށް ދެއްކުމުގެ ކުރިން، ގޭގައި މަރުވުން ހިމެނެ އެވެ.