10 Feb 2012, 18:08
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، އދ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެނާންޑޭޒް-ޓަރަންކޯއާ މިއަދު ބައްދަލުކުރައްވައިފި އެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ހިލާލީގޭގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް މިހާރު ކުރިމަތިވެފައިވާ ހަލަބޮލި ކަމާއި އެ މައްސަލަތައް ޙައްލުކުރެއްވުމަށް ޓަކައި އެމަނިކުފާނު އަމަލުކުރައްވަމުން ގެންދަވާ ގޮތުގެ މަޢުލޫމާތު އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލަށް ދެއްވި އެވެ. އަދި ރާއްޖޭގެ ޤާނޫނާއި ގަވާއިދުތައް ހިމާޔަތްކުރެއްވުމާ އެކު، ޤައުމުގައި އުފެދިފައިވާ ހަމަނުޖެހުންތައް ނައްތާލައްވައި އަމާން މާޙައުލެއް ޤާއިމްކުރެއްވުމަކީ އެންމެ މުހިންމު މަސްއޫލިއްޔަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރު ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެއްވުމުގައި އދ.އިން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް މަރްޙަބާ ވިދާޅުވި އެވެ.