05 May 2021, 12:48
ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އައި ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ހެލްތު މިނިސްޓްރީގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.
އެ ބަދަލު ގެނައިކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސް ސޯލިހު މި ބަދަލުގެންނަވާފައިވަނީ ގާނޫނުއަސާސީން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ ހިންގަނީ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވާނިންގް ބޯޑެއްގެ ދަށުންނެވެ. އެންޑީއޭ ބޯޑުގައި ހިމެނެނީ އެކި އިދާރާތަކުން ރައީސް އައްޔަންކުރައްވާ 10 މެމްބަރުންނެވެ. އޭގެ ތެރޭގައި ޖެންޑާ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް އަދި ކަސްޓަމްސް ހިމެނެ އެވެ.
އެންޑީއޭ އަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި އެ ގާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މީގެ ނުވަ އަހަރުކުރިން ވުޖޫދު ކުރި އެންޑީއޭގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެތަނުގެ މަސައްކަތް ލަސްވެ، ފަރުވާގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމުގެ ކަންބޮޑުވުމާއި ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އޭގެ އިތުރުން އެންޑީއޭގެ ރިފޯމް ކުރުމަށް ގޮވާލައި ކެމްޕެއިނެއް ވެސް ދަނީ ކުރަމުންނެވެ.
އެންޑީއޭގައި ސީއީއޯ ނެތި އެތަން ހިންގާތާ ހަތަރު މަސް ފަހުން އެތަނަށް، ސީއީއޯއެއް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހު އެވެ.
އެންޑީއޭގެ މަސްއޫލިއްޔަތުތަކަކީ:
މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ހައްލެއްހޯދުމަށް އެކި މުއްދަތުތަކުގައާއި ހާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައްއެޅުން
- މަސްތުވާތަކެއްޗާގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭހަރުކަށި އަމަލުތަކާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުންއުފެދޭ ސިއްހީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތައާރުފުކުރާ ގައުމީ ސިޔާސަތުތައް ތަންފީޒުކުރުން
- މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭ ގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް، ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަމުންދޭތޯ ބަލަމުންދިޔުން
- މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހާ އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން
- މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތްކުރުން
- މަސްތުވާތަކެތިބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާމަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެންމަސައްކަތްކުރުން
- މަސްތުވާތަކެތިބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމައުގައިހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން
- މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕްރޮގްރާމްތައް ރާއްޖޭގައިހިންގުމާއި، މައުލޫމާތު ހިއްސާކުރުމާއި، އެމީހުންގެ މައުލޫމާތާއި ތަޖުރިބާއިން ރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން
ފަހުރުވެރި ދިވެހި އާއިލާ އެއް ދިވެހި އެންމެހާ ރައްޔިތުންނަށް ހޯދައިދިނުމަށް މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކޮށް ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލައި، މިނިވަންކަމާ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދިނުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭކަމެކެވެ.