ފިޝަރީޒް މިނިސްޓަރު ކަމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނިކޮށް، ޒަހާ ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޒަހާ ހުންނެވި މަގާމަށް، ކުރިން އެންވަޔަރަމަންޓް މިނިސްޓަކަށް ހުންނެވި ޑރ. ހުސައިން ރަޝީދު ވަނީ އައްޔަންކޮށްފަ އެވެ.

އެ މަގާމަށް ހުސައިން ރަޝީދު އައްޔަން ކުރި ފަހުން ރައީސް އޮފީހުން ބުނީ، ޒަހާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"އެކަމަނާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން ޒަހާ ވަހީދު ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކަށް ޝުކުރުއަދާކުރައްވާފަ،" ރައީސް އޮފީހުން ބުންޏެވެ.

ޒަހާ މަގާމުން ވަކިކުރަން ނިންމެވި ކަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ޒަހާއަށް އެންގީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 12:00ގައި އެވެ.

މިކާމާ ގުޅޭ ގޮތުން ޒަހާގެ ބަހެއް އަދި ނުލިބެ އެވެ.

ޒަހާއަކީ، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫން ލީޑް ކުރައްވާ އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.