ވޮޝިންގޓަން (ފެބްރުއަރީ 10) : މެދުއިރުމަތީގެ އިސްލާމީ 7 ޤައުމެއް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް އެމެރިކާގެ ޒަޔަނިސްޓް ޔަހޫދީ ތިންކްޓޭންކުން ރާވާފައިވާ ސިއްރު ޕްލޭނަކާބެހޭގޮތުން އެޤައުމުގެ ކުރީގެ ޚާރިޖީ ވަޒީރެއް ކަމަށްވާ ޑރ.ހެންރީ ކިސިންޖަރ ވާހަކަ ދައްކަވައިފިއެވެ.

އެމެރިކާގެ ޔަހޫދީ ޒަޔަނިސްޓް ލީޑަރެއް ކަމަށްވާ ކިސިންޖަރ، އެމެރިކާގެ ނޫހެއްކަމަށްވާ "ޑެއިލީ ސްކޭޕް" އަށްދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ތެލުގެ މުއްސަނދިކަމާއި އެނޫން ސްޓްރެޓީޖިކް ސިފަތައް ލިބިފައިވާ މެދުއިރުމަތީގެ އިސްލާމީ 7 ޤައުމެއް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ މުހިއްމުކަން އެމެރިކާގެ ސިފައިންނަށް އަންގާފައިވާނެ ކަމުގައެވެ.

ކިސިންޖަރ ވިދާޅުވީ އެމެރިކާއާއި ހުޅަނގުގެ އެހެން ޤައުމުތަކުގެ ޒުވާނުންނަށް ވޭތުވެދިޔަ 10 ވަރަކަށް އަހަރުތެރޭގައި ހަނގުރާމައިގެ ވަރަށް ފުރިހަމަ ތަމްރީންތަކެއް އިސްލާމީ ދެޤައުމެއްގައި ލިބިފައިވާ ކަމަށާއި އެމީހުންތިބީ ހުޅަނގުގެ ޤައުމީ މަސްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި އިތުރު ހަނގުރާމަތައްވެސް ކުރުމަށް ތައްޔާރަށް ކަމުގައެވެ. ގޮވާލި ކޮންމެ ވަގުތަކު އެމީހުން ނުކުންނާނެ" ކިސިންޖަރ ވިދާޅުވެފައިވެއެވެ. ނަމަވެސް ކޮންޓްރޯލް ކުރަންބޭނުންވަނީ ކޮންޤައުމުތަކެއްކަން ކިސިންޖަރ ހާމައެއް ނުކުރައްވައެވެ.

ކިސިންޖަރު ވިދާޅުވީ މެދުއިރުމަތީގައި އިސްރާއީލު ދެމިއޮތުމަށް ނުރައްކާވަމުންދާއިރު އެމެރިކާ މަޑުން އޮވެގެން ނުވާނެ ކަމަށާއި މެދުއިރުމަތިން މިހާރު ފެންނަމުންދާ ހަނގުރާމައިގެ ކުލަވަރުތަކުގެ ނަތީޖާއަކަށް ވާންޖެހޭނީ އެސަރަޙައްދުގެ މަދުވެގެން ދެބައިކުޅަ އެއްބައި ހުޅަނގުގެ ކޮންޓްރޯލްގެ ދަށަށް ގެނައުން ކަމުގައެވެ. ކިސިންޖަރ މިމޭރުމުން ސުރުޚީ ތަކެއް އަޅާގޮތަށް ދެއްކެވި ވާހަކަތަކުގެ ތަފްސީލް އޭނާ ދެއްވާފައެއް ނުވެ އެވެ.

ނަމަވެސް ޢަރަބި ޤައުމުތަކުގެ ވެރިކަމަށް އިސްލާމީ ޚިޔާލުގެ ޖަމާއަތްތައް އަންނަމުން ދިޔުމާއި މެދުއިރުމައްޗަށް ނުފޫޒު ހިންގުމަށް ޗައިނާއާއި ރަޝިޔާ މަސައްކަތް ކުރުމާއި އީރާން ސަރަޙައްދީ ނިއުކްލިޔަރ ބާރަކަށް ވުމަކީ އިސްރާއީލުގެ ވުޖޫދަށާއި އެމެރިކާގެ ޤައުމީ މަސްލަޙަތަށް ނުރައްކާވަމުންދާ ކަންތައްތައް ކަމަށް ކިސިންޖަރު ވިދާޅުވެފައިވެއެވެ. (އަލްޢާލަމް)