05 May 2021, 11:26
ރައީސް އޮފީހުުގެ ޕޮލިސީ ސެކްރެޓަރީގެ އައިމިނަތު ޝައުނާ އެންވަޔަރުމަންޓް މިނިސްޓަރަކަށް އަދި އެންވަޔަރުމަންޓް މިނިސްޓަރަކަށް ހުންނެވި ޑރ. ހުސެން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރަކަށް ރައީސް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ޝައުނާ އައްޔަން ކުރެއްވީ "މިނިސްޓަރު އޮފް އެންވަޔަރުމަންޓް ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ"ގެ މަގާމަށެވެ. އަދި ތިމާވެށީގެ ވަޒީރަކަށް ހުންނެވި ޑރ. ހުސެން ރައީސް އައްޔަން ކުރެއްވީ "މިނިސްޓަރު އޮފް ފިޝަރީޒް އެންޑް މެރިސް ރިސޯސަސް އެންޑް އެގްރިކަލްޗާ"ގެ މަގާމަށެވެ.
އެ ދެ ބޭފުޅުން މިނިސްޓަރު ކަމުގެ ހުވާ ކުރައްވައި އެބޭފުޅުންނަށް ވަޒީރުކަމުގެ ފަތްކޮޅު ހަވާލުކުރުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. އެ ބޭފުޅުންނަށް ވަޒީރުކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވި ގޮތުގައި މި ބަދަލުތައް ރައީސް ކެބިނެޓަށް ގެންނެވީ ސަރުކާރުން ދެމުން އަންނަ ހިދުމަތް ރަނގަޅު ކުރުމަށާއި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އަވަސް ކުރުމުގެ ގޮތުންނެވެ.
މި ބަދަލުތައް ރައީސް ކެބިނެޓަށް މި ގެންނެވީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް މާލެ ހިމެނޭ ގޮތުން ބޮޑެތި ސަރަހައްދުތަކަކުން ނާކާމިޔާބާ ކުރިމަތިވެފައި ވަނިކޮށެވެ.
ފިޝަރީޒް މިނިސްޓަރުކަމުގައި ހުންނެވި ޒަހާ އެ މަގާމުން ރަީސް ވަކި ކުރެއްވީ އިއްޔެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.
ތިމާވެށީގެ ވަޒީރު ކަމަށް އައްޔަން ކުރެއްވި ޝައުނާ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަން ވެސް ކުރައްވައިފަ އެވެ. ޝައުނާ އަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޑރ. ހުސެން މީގެ ކުރިން ވަނީ އެކި ސަރުކާރުތަކުގައި އެކި ވުޒާރާތަކުގެ ވަޒީރުކަން ކުރައްވައިފަ އެވެ. އޭނާ ބޮޑަށް ހިދުމަތް ކުރެއްވީވެސް މަސްވެރިކަމުގެ ދާއިރާއިންނެވެ.