05 May 2021, 09:59
ކޮވިޑް19ގެ ހާލަތު ގޯސްވެފައިވާތީ އަލަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ހުއްޓާލައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ޑްރައިވިންގ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް އެ ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑްގެ ހާލަތު ގޯސްވި އިރު ވެސް، އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާން ދިނުމުގެ ހިދުމަތާއި އެ ހިދުމަތާ ގުޅުންހުރި އެހެން ހިދުމަތްތައް މެދުކަނޑާލި އެވެ.
އެފަހަރު ލައިސެންސް ދިނުން މެދުކަނޑާލިތާ ގިނަ ދުވަސްތަކެއް ވެގެން، ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ ކުރިން ގޯސްނުވާ ވަރަށް ގޯސްފަ އެވެ. އިއްޔެ އެކަނި ރާއްޖެއިން 601 މީހަކު ވަނީ ކޮވިޑް 1 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 440 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.
މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ 6508 މީހަކު ރާއްޖޭގައި ތިބިއިރު އޭގެތެރެއިން 181 މީހަކަށް ފަރުވާ ދެމުން ދަނީ އެޑްމިޓް ކޮށްގެންނެވެ.
އެޑިމިޓްކުރަންޖެހޭ މީހުން ގިނަވެ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އައިސީޔޫ ވަނީ ފުރިފަ އެވެ.