10 Feb 2012, 17:44
ކާބުލް (ފެބްރުއަރީ10) : ނޭޓޯއިން އަފްޣާނިސްތާނަށް ދިން ވައިގެ ޙަމަލާތަކެއްގައި ގިިނަ ޢަދަދެއްގެ ކުޑަކުދިން މަރުވުމާގުޅިގެން ރައީސް ޙާމިދު ކަރުޒާއި ނޭޓޯ ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ.
ކަރުޒާއިގެ އޮފީހުން ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވީ ނޭޓޯގެ ޢަސްކަރީ މަތިންދާބޯޓުތަކުން އަފްޣާނިސްތާނުގެ އިރުމަތީގެ ކަބީސާ ސަރަޙައްދަށް ދިން ވައިގެ ޙަމަލާއެއްގައި ގިނަ ޢަދަދެއްގެ ކުޑަކުދިން މަރުވެފައިވާކަމަށާއި މިއީ ހުޅަނގުން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްކަމުގައެވެ.
މިޖަރީމާ ތަޙްޤީޤްކޮށް އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް ޢަދަބު ދެވެންޖެހޭނެކަމަށްވެސް ކަރުޒާއި ވިދާޅުވިއެވެ. މިހާދިސާ ތަހްޤީޤް ކުރުމަށް ޓަކައި ކަރުޒާއިވަނީ އޭނާގެ މުސްތަޝާރު މުޙައްމަދު ޒާހިރީ އާއެކު ތަހްޤީޤް ޓީމެއް އެސަރަހައްދަށް ފޮނުވާފައެވެ.
ކަބީސާ ސަރަޙައްދުގެ ގަވަރނަރ މިޙްރާބުއްދީން ވިދާޅުވިގޮތުގައި ނޭޓޯއިން މިޙަމަލާދިނީ މިދިޔަ ބުދަދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކަމަށާއި ނޭޓޯގެ ޙަމަލާގައި އަފްޣާން 8 ކުޑަކުދިން މަރުވެފައިވާ ކަމުގައެވެ. މިޙަމަލާދިނީ ނޭޓޯގައި ހިމެނޭ އެމެރިކާ ސިފައިންކަމަށް ރިޕޯޓްތައް ބުނެއެވެ.
ނޭޓޯއިންވަނީ އެޖަމާއަތުގެ ޙަމަލާއެއްގައި އަފްޣާން ކުޑަކުދިންތަކެއް މަރުވިކަން އެނގިފައިނުވާ ކަމަށް ބުނެފައެވެ. ނަމަވެސް މިހާދިސާ ތަހްޤީޤް ކުރާނެކަމަށް އެޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނޭޓޯއިން އަފްޣާނިސްތާނުގެ އާންމުންނާ ދެކޮޅަށް ހިންގާ މިބާވަތުގެ ޖަރީމާތައް ތަޙްޤީޤް ކުުރާނެކަމަށް އެޖަމާއަތުން ބުނިނަމަވެސް މިފަދަ ތަހްޤީޤެއްކޮށްގެން އެއްވެސް ނަތީޖާއެއް ނުކުމެފައެއް ނުވެއެވެ.
އދ. ން މިދިޔަ ހަފްތާގައި ނެރެފައިވާ ރިޕޯޓެއްގައި ހަމައެކަނި 2011 ވަނަ އަހަރުވެސް ނޭޓޯގެ ބާރުތަކުން 3 ހާހަށްވުރެގިނަ އަފްޣާން އާންމުން މަރާލާފައިވާ ކަމަށް ބުނެފައިވެއެވެ. (ރޮއިޓާސް)