04 May 2021, 22:48
ކޮވިޑް 19 ގައި ހާލުބޮޑުވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 އައިސީޔޫ ފުރިފައިވާ ކަމަށް ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޑީއެޗް 11 ގައި ވެންޓިލޭޓަރުގައި މިވަގުތު ހަ މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. ޑީއެޗް 11 ގެ އައިސީޔޫގައި ޖުމްލަ ނުވަ މީހަކަށް ދަނީ ފަރުވާދެމުންނެވެ.
"މިއަދު އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ބައްޔަށް ބޭސް ކުރުމަށް މިހިރަ މެޑިކަލް ފެސިލިޓީތަކުގައި ހުރި އަދަދުތައް. ޖުމްލަ 200 މީހުން މިވަގުތު ހޮސްޕިޓަލައިޒް ކުރެވިފައި ވޭ. އޭގެތެރެއިން ހަ މީހަކު މިވަގުތު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް މިހާރު މިއޮތީ ފުލްވެފައި. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ފާހަގަކޮށްލަން ބޭނުންވާ ކަމެއް." މަބްރޫކް ވިދާޅުވި އެވެ.
މިއަދު އެކަނި ރާއްޖެއިން 601 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 440 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.
މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ 6508 މީހަކު ރާއްޖޭގައި ތިބިއިރު އޭގެތެރެއިން 181 މީހަކަށް ފަރުވާ ދެމުން ދަނީ އެޑްމިޓް ކޮށްގެންނެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު އުޅެނީ 31،931 ގަ އެވެ.