ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އާ ސަރުކާރަކީ އެމެރިކާ ސަރުކާރު ގަބޫލު ކުރާ ސަރުކާރެއް ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އާންމުކޮށް ކޮންމެ ދުވަހުކު ސްޓޭޓް ޑިޕާޓްމަންޓްގައި އޮންނަ ޕްރެސް ބްރީފިންގައި، ރާއްޖޭގެ އާ ސަރުކާރަކީ އެމެރިކާ ގަބޫލު ކުރާ ސަރުކާރެއްތޯ ނޫސްވެރިޔަކު ދެންނެވުމުން ސްޓޭޓް ޑިޕާޓްމަންޓުގެ ސްޕޯސްމަން ވިކްޓޯރިއާ ނުއުލޭންޑް ވިދާޅުވީ "އަހަރެމެން ގަބޫލުކުރަން" ކަމަށެވެ.

އެމެރިކާ ސަރުކާރުން ޑރ. ވަހީދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ތައްގަނޑު ޖެހުމުން، ޑރ. ވަހީދުގެ ސަރުކާރަކީ ޣައިރުގާނޫނީ ސަރުކާރެއް ކަމަށް ބޭރު ދުނިޔެއަށް ވިއްކުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ހިޔަނިއެޅިފައިވާ ކަމަށް އޭއެފްޕީ އިން ބުންޏެވެ.

ރާއްޖޭގެ އާ ސަރުކާރަކީ އެމެރިކާ ގަބޫލުކުރާ ސަރުކާރެއް ކަމަށް އިއުލާނު ކުރުމުން ނަޝީދު އޭއެފްޕީ އަށް ވިދާޅުވެފައި ވަނީ އެކަމާ "އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ" ކަމަށެވެ.

އެމެރިކާގެ އިތުރުން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އިން ވެސް ބުނެފައި ވަނީ ރާއްޖޭގެ އާ ސަރުކާރު ގަބޫލު ކުރާ ކަމަށެވެ.

އިންޑިޔާގެ "ދަ އިންޑިއަން އެކްސްޕްރެސް"ގައި ކުރިން ބުނެފައި ވަނީ "އިންޑިޔާ އާއި ދިވެހިރާއްޖެއަކީ ސަލާމަތީ ގޮތުން އެއް ކަންތައްތަކެއް ހިއްސާކުރާ ދެ ގައުމު ކަމަށާއި ދެ ގައުމުގެ ކުރިއެރުމާއި ރައްކާތެރިކަމަށް ޓަކައި ރާއްޖޭގެ އާ ސަރުކާރާ އެކު ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ރައްޔިތުންނާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ ސްރީލަންކާ އިން ގާއިމްކޮށްފައިވާ ގާތްގުޅުން އިތުރަށް ދަމަހައްޓަން ބޭނުންވާ ކަމަށާއި އަދި ބުނެފައި ވަނީ އާ ސަރުކާރުން ރާއްޖެ އަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށް ކުރާ މަސައްކަތަށް ސްރީލަންކާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދޭނެ ކަމަށެވެ.