04 May 2021, 18:01
ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރު މުއްދަތަކަށް ދަމަހައްޓައިފި އެވެ.
މިދިޔަ އަހަރުގެ މާޗް މަހުގެ 12ގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން އިތުރު ކުރި މުއްދަތު ނިމުމަކަށް އަންނަނީ މިއަދުގެ ނިޔަލަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމުގެ ގޮތުން ހެލްތް މިނިސްޓަރު ސޮއި ކުރައްވައި މިއަދު ގެޒެޓްކުރި އިއުލާނުގައި ބުނީ ކޮވިޑް-19ގެ ނުރައްކާ އަދިވެސް މުޅި ރާއްޖެއަށް އޮތުމާ އެކު ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭތީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖޫން ތިން ވަނަ ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހެލްތް މިނިސްޓަރު އިއުލާން ކުރައްވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު މުއްދަތަކަށް ދެމެހެއްޓި އިރު މާލެއިން ބޭރުން ރާއްޖޭގެ އެކި ރަށްރަށުގައި ކޮވިޑް އަންނަނީ ބާރު މިނުގައި ފެތުރެމުންނެވެ. އަދި ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 500އިން މައްޗަށް އަރައިފަ އެވެ.
ކޭސްތައް ގިނަވުމާ ގުޅިގެން އެޗްޕީއޭއިން ރޭ ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އޮފީސްތަކާއި ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ހިދުމަތް ދިނުމާއި ދަންވަރު 12:00 އިން ފަތިހު 4:00 އާ ހަމައަށް ދުއްވާ އެއްޗިހި ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރާ ފަރާތްތަކަށް ދަތުރުކުރުމަށް ދީފައިވާ ލުއިތައް ވެސް ވަނީ ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ. މީގެ އިތުރުން ހަފްލާތަކާއި ކުޅިވަރު މުބާރާތްތަކާއި އެއްވުންތައް ބޭއްވުން މަނާކޮށް ޕާކުތަކާއި ކުޅިވަރު ކުޅޭ ދަނޑުތައް އަދި ޓްރެކްތައް ވަނީ ބަންދުކޮށްފަ އެވެ.