10 Feb 2012, 02:19
ދައުރުގެ މެދު ތެރެއިން އިންތިހާބެއް ބާއްވަން ޖެހޭނެ ކަން މާކުރިއްސުރެ ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އޭރު އެ ވާހަކަ ދެއްކެވީ "ފަސް އަހަރުގެ...ވެރިކަމެއް ނިންމުމަކީ ދަތި ކަމެއްކަން މާކުރިންސުރެ ވެސް އަޅުގަނޑުމެނަށް ގަބޫލު ކުރެވޭތީ" ކަމަށް މިދިޔަ އަންގާރަ ދުވަހު ރައީސް ކަމުން އިސްތުފާ ދެއްވި މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ލަޣަބު އެ ޕާޓީން އަރުވާ މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން އެ ޕާޓީން ބޭއްވި ފުރަތަމަ އާންމު ޖަލްސާގައި މިރޭ ދަރުބާރުގޭގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 30 އަހަރުގެ ދިގު ސަރުކާރެއް ނިމުމަކަށް ގެނެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރުމަކީ އުނދަގޫ ކަމެއް ކަން ސަރުކާރާ ހަވާލުވި އިރު ވެސް އެނގިވަޑައިގެން ހުންނަވާ ކަމަށާއި އެމަނިކުފާނު ކުރެއްވި ކޮންމެ ކަމަކީ ވެސް ނޭނގުމެއްގެ ތެރެއިން ކުރިކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ އަބަދުވެސް ގަބޫލު ކުރެވިފައި އޮތް ގަބޫލު ކުރުމަކީ ތިރީސް އަހަރުގެ ދިގު ވެރިކަމަކަށް ފަހު ފަސް އަހަރުގެ މުއްދަތުގެ ދައުރެއް ވެރިކަމެއް ނިންމުމަކީ ދަތި ކަމެއްކަން މާކުރިންސުރެ ވެސް އަޅުގަނޑުމެނަށް ގަބޫލު ކުރެވޭތީވެ، ޓާމު މެދުން އިންތިހާބެއްގެ ވާހަކަ ދެއްކީ. މި ދުވަހަކީ އަޅުގަނޑުމެނަށް ނޭނގި އޮތް ދުވަހެއް ނޫން. އަޅުގަނޑުމެން ކުރަމުންދިޔަ އެއްވެސް ކަމަކީ އަޅުގަނޑުމެނަށް ނޭނގުމެއްގެ ތެރޭގައި ކުރަމުންދިޔަ ކަން ކަމެއްނޫން،" ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިން މިޑް ޓާމް އިލެކްޝަނާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވެފައި ވަނީ މިޑް ޓާމް އިލެކްޝަނެއްގެ ވާހަކައަކީ އޭރު އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ގައުމީ ޕާޓީގެ ރައީސް ހަސަން ސައީދު އެދިގެން ދެއްކެވި ވާހަކައެއް ކަމަށާއި އެމަނިކުފާނުގެ އަމިއްލަ ހިޔާލެއް ނޫން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންތެރޭ ނަޝީދު ވިދާޅުވީ މިޑް ޓާމް އިލެކްޝަންގެ ވާހަކަ އަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ވާހަކަ ކަމަށެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުހާތަބުކުރައްވައި ނަޝީދު މިރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މިހާރު ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަގާމުން އިސްތިއުފާ ދެއްވައި ދެ މަސް ދުވަސް ދުވަހު ތެރޭގައި އިންތިހާބެއް އިއުލާންކުރަން ޖެހޭނެ ކަމަށެވެ.
"ދައުރުގެ މެދުން އިންތިހާބެއް ބޭއްވުނީމަ ދެން ފެންނާނީ ކުރިން ފެނުނު ކިލަނބުވެރި ކަމަށް ވުރެ އަދި މާ ސައްހަ ސާފް ކަމެއް. މިހާރު މިދަނީ މި ދެންނެވި ސާދާ ސާފުކަން ހޯދުމަށް. އަޅުގަނޑުމެން އެ ސާފު ކަން ހޯދާނަން،" އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
އަދި އެ ދެ މަސް ދުވަސްތެރޭ ރައްޔިތުން މަޖިލީހުގެ ރައީސް ރާއްޖޭގެ ވެރިކަމާއި ހަވާލުވެ މަޖިލީހުގެ ރައީސް ރާއްޖޭގެ ކަންކަން ހަމަ މަގަށް އަޅުއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ރާއްޖޭގެ ދަށު ކޯޓުތައް އަލުން އެކުލަވާލައްވާ ރާއްޖޭގެ ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު ކުރާ ބަޔަކަށް ހެދުމަށް "ރާއްޖޭގެ ހިނގާދިޔަ ބަޢާވާތް" މަޖިލީހުގެ ރައީސް ވެރިކަން ކުރައްވާ ދުވަސްތަކުގައި ތަހްގީގު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވާހަކަ ފުޅުގައި އަލުން އެމްޑިޕީން ވެރިކަމާއި ހަވާލުވެ ވަޑައިގެން މި ގައުމުގައި "ހެޔޮވެރިކަމެއް" ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ގިނަ މެންބަރުން ބައިވެރިވި މި ޖަލްސާގައި ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ އިސް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަގާމުން އިސްތިއުފާ ދެއްވައި އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާފަ އެވެ.