ހުރިހާ ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން މި ނާޒުކް ދަނޑިވަޅުގައި މަޑުމައިތިރިވެ ހަމަނުޖެހުން އުފެދޭ ހުރިހާ ކަމަކުން ދުރުވެގެން ތިބުމަށް މިރޭ ރާއްޖެ ވަޑައިގަތް އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލް ފޯ ޕޮލިޓިކަލް އެފެއާޒް އޮސްކާ ފެރްނާންޑޭޒް ގޮވާލައްވައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ކުއްލި އިންގިލާބަކުން މުހަންމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫންގެ މަންދޫބެއްގެ ގޮތުން ރާއްޖެ ވަޑައިގެންނެވި ފެރްނާންޑޭޒް، މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި، މީޑިޔާތަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން ސިޔާސީ ފަރާތްތަކުގެ މެދުގައި ބިނާ ކުރަނިވި ވާހަކަތަކެއް ބޭއްވުމަކީ އުނދަގޫ ކަމެއް ކަމަށާއި އޭނާގެ މަސައްކަތުގައި ސިޔާސީ ފަރާތްތަކުގެ މެދުގައި އެފަދަ ވާހަކަތަކަކަށް ބާރުއަޅުއްވާނެ ކަމަށެވެ.

"އެކަމަށް ޓަކައި މިދަނޑިވަޅުގައި ހުރިހާ ޕާޓީތަކާއި ސިޔާސީ ލީޑަރުން މަޑުމައިތިރިވެ މަސްރަހު އިތުރަށް ގޯސްވާނެ ކަންކަމާއި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަމުން ދުރުވެ، ސުލްހަވެރި ހައްލެއް މިކަމުގައި ހޯދުމަށް ހުރިހާ ޕާޓީތަކަށާއި ސިޔާސީ ލީޑަރުންނަށާއި އަދިވެސް އެންމެހާ ފަރާތްތަކަށް ގޮވާލަން،" ތިން ދުވަހުގެ ދަތުރުފުޅެއްގައި މާލެ ވަޑައިގަތް ފެނާންޑޭޒް ވިދާޅުވި އެވެ.

އިންޑޮނޭސިޔާގެ، ޖަކާޓާގައި މިހާރު ކުރިއަށްދާ އާސިޔާންގެ ބައްދަލުވުމަށް ފަހު ރާއްޖެ ވަޑައިގަތް ފެނާންޑޭޒް ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގައި އޮތް ހައްލަކީ ސިޔާސީ ޕާޓީތަކާއި އެންމެހާ ފަރާތްތަކުން ގުޅިގެން ސުލްހަވެރި ހައްލެއް ހޯދުންކަމަށާއި އެ މައްސަލައިގައި ބޭރުގެ ފަރާތްތަކަށް ހަލެއްނުހޯދޭނެ ކަމަށެވެ.

"ހަގީގަތަކީ މިއީ ރާއްޖޭގެ އެތެރެއިން ސިޔާސީ ޕާޓީތަކާއި އެންމެހާ ފަރާތްތައް ގުޅިގެން ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ނިންމަން ޖެހޭ މައްސަލައެއް. މިކަމުގައި ބޭރުން ހައްލެއް ގެނެސްދެވޭނެ ކަމެއް ނޫން. ބޭރުގެ ފަރާތްތަކުން މިފަދަ އެތެރޭގެ ނާޒުކު މައްސަލަތަކަށް މާބޮޑަށް ވަނުން ރަނގަޅު ކަމަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި މައްސަލައިގައި ހުރިހާ ފަރާތްތަކުން ވެސް ސުލްހަވެރިވުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

ސަރުކާރާއި ސިޔާސީ ޕާޓީތަކާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ހިއުމަންރައިޓްސް ކޮމިޝަނާއި އަދި ސިވިލް ސޮސައިޓީ އާ އެކު މަޝްވަރާކޮށް ދިމާވެފައިވާ މައްސަލަތަކުގެ ތަފްސީލް ބަންކީ މޫންއާ ހިއްސާކުރައްވާނެ ކަމަށާއި އޭނާ ރާއްޖެ އައީ ތަހުގީގު ކުރުމަށް ނޫންކަމަށެވެ.

"ރާއްޖޭގެ ޗުޑީޝިއަރީ އާއި ޕާލިމަންޓްރީގެ ތެރެއިން އަދި އެހެން މުއައްސަސާތަކުން ކުރަން ޖެހޭ ކަމެއް މިކަން ތަހުގީގު ކުރުމަކީ. އަޅުގަނޑުގެ މަސްއޫލިއްޔަތަކީ ރާއްޖޭގެ ހާލަތު އަދި މައްސަލަތައް ރަނގަޅަށް ދެނެގަނެ ސެކްރެޓަރީ ޖެނަރަލް އާއި ހިއްސާކުރުން. އަޅުގަނޑަށް އަދި ލިބިފައި ހުރީ ނޫސްތަކުންނާއި އަދި އަޑުއިވިފައި ހުރި އެއްޗެއް،" ރާއްޖެ އަށް އަލަށް ވަޑައިގެން ފެނާންޑޭޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންސާނީ ހައްގުތަކާއި ޑިމޮކަރަސީ އަދި ގާނޫނު ހަމަތަކުގެ މަތިން އަމަލުކުރާ ފަރާތްތަކަށް އަބަދުވެސް އދ.ގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި އެގޮތުގެ މަތިން ރާއްޖެ އަށް ވެސް އެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
"އދ ން މީގެ ކުރިން ވެސް ރާއްޖެ އަށް އެއްބާރުލުން ދީފައި ވާނީ. އެގޮތުގެ މަތިން މިލޭނިއަމް ޑިވަލޮޕްމަންޓް ގޯލްތައް ހާސިލްކުރުމުގައި އަބަދުވެސް އެއްބާރުލުން ދެމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އދ. އިން ކުރީގެ ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި މެދު ކަންބޮޑުވާ ކަމަށާއީ ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ އަމިއްލަ ފަރުދަކާއި މެދުވެސް ކަންތައް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ މީހެއްގެ ހައްގު ވެސް ގާނޫނުގައިވާ ގޮތައް ހިމާޔަތް ކުރެވެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނުގައި އަމަލުކުރަން އޮންނަ ގޮތައް ކޮންމެ މީހެއްގެ ވެސް ހައްގު ރައްކާތެރިކޮށްދޭން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ އިސްތިއުފާދެއްވުމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވަނީ ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަން ނިމުމަކަށް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.