އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ވުމަށް އަންގައިފި އެވެ.

އެޗްޕީއޭއިން އެގޮތަށް އެންގީ ފަހަކަށް އައިސް ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީ އެވެ.

އެ އެޖެންސީއިން މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވުމުގެ އިތުރަށް ޕީސީއާރު ޓެސްޓެއް ވެސް ހަދަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭއިން މިރޭ އެގޮތަށް އެންގީ ރާއްޖެ އަންނަ ހުރިހާ ފަރާތްތަކުން ވެސް ޕީސީއާރް ނެގަޓިވް ޓެސްޓް ނަތީޖާ ގެންނަން ޖެހޭގޮތަށް މިދިޔަ މަހު 30 ވަނަ ދުވަހު އެންގުމެއް އަންގާފައިވަނިކޮށެވެ.

މިރޭ އެންގި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ؛

  • ރޭގަނޑު 12އިން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން

  • ޕާކުތަކާއި މައިޒާންތައް ބަންދުކުރުން
  • ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުން މަނާކުރުން
  • ކިންޑަގާޑަންއިން ފެށިގެން ގްރޭޑް12 އާ ހަމައަށް ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުން
  • ސަރުކާރު އޮފީސްތައް ބަންދުކުރުން
  • މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރުން

ފަހަކަށް އައިސް ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އެގޮތުން މިއަދު އެކަނިވެސް 585 މީހުން ޕޮޒިޓިވްވެފައިވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދުވެސް ވަނީ ހަ ހާހުން މައްޗަށް އަރާފަ އެވެ.