ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މާލޭ ސިޓީގެ މޭޔަރާއި ރައީސް ވަހީދު ބައްދަލުކުރެއްވީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މޭޔަރާއި ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި، މިވަގުތު ކުރިމަތިވެފައިވާ ކަންކަން ހައްލު ކުރެއްވުމަށް ސަރުކާރަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި މާލޭގައި އަމަންއަމާންކަން ގާއިމް ކުރައްވައި މާލެއަކީ އަމާން ތަނަކަށް ހެއްދެވުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

ބައްދަލުކުރެއްވުމުގައި މޭޔަރު އަލިބެ ވިދާޅުވީ މާލޭގެ ސުލްހަވެރިކަމާއި އަމަންއަމާންކަން ރައްކާތެރި ކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި އަދި މާލޭގައި ބާއްވާ މުޒާހަރާތައް ވެސް، ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔުމަށް ބާރުއަޅުއްވައިދެއްވާނެ ކަމަށެވެ. މި ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަގީންކަންވެސް މޭޔަރު ވަނީ ރައީސް އަށް ދެއްވާފަ އެވެ.