ރާއްޖެއަށް ކުރިމަތިވެފައިވާ ތަރައްގީގެ އެކިއެކި ގޮންޖެހުންތަކާއި މައްސަލަތައް ހައްލު ކުރުމަށް ހޯދާފައިވާ އާ ހައްލުތަކުގެ މައުލޫމާތު އެއްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޔުނައިޓެޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެކްސެލެރޭޓާ ލެބުން "ވާޗުއަލް ސޮލިއުޝަންސް ސަފާރީ" ގެ ނަމުގައި ހަރަކާތެއް ފަށައިފި އެވެ.

މިހަރަކާތުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގެ އެކި ފަރާތްތަކުން ހޯދާފައިވާ ހައްލުތަކާއި އެ ހައްލުތައް ހޯދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް މިހައްލުތަކުން އދ ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިކޮށްދޭގޮތް ދެނެގަތުމެވެ.

ވާޗުއަލް ސޮލިއުޝަންސް ސަފާރީއަށް ހުށަހެޅޭނެ ހައްލުތަކަކީ ކަމެއް ހައްލު ކުރުމުގެ ހިޔާލެއް ނުވަތަ މިހާރުވެސް އެ ހައްލެއް އިތުރަށް ފުރިހަމަކޮށް ޓެސްޓު ކުރުމަށް މަސައްކަތްކުރަމުންދާ ކަމެއް ނުވަތަ ހައްލެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަނެ، އެ ހައްލެއްގެ ސަބަބުން މިހާރުވެސް ގިނަ ބަޔަކަށް މަންފާވާ ކަންކަމެވެ. ވަކި މައްސަލައެއް ނުވަތަ ގޮންޖެހުމަކަށް އަމާޒުކޮށްގެން ގިނަ ބަޔަކަށް މަންފާ ވާނެ ގޮތަށް ބައްޓަންކޮށްފައިވާ ހިޔާލެއް ނުވަތަ އަމަލީ ސިފައެއް އެ ހިޔާލެއްގައި ޖެއްސިފައިވާ ކޮންމެ އެއްޗެއް ނުވަތަ ކަންކުރެވޭނެ ގޮތަކީ ހައްލެއް ކަމުގައި މާނަކުރެވިދާނެ އެވެ.

ވާޗުއަލް ސޮލިއުޝަންސް ސަފާރީގައި ހިމަނަން ބޭނުންވާ މިފަދަ ހައްލުތަކުގެ މައުލޫމާތު މި މަހުގެ 13ގެ ކުރިން އޮންލައިންކޮށް ހިއްސާކުރުމަށް އެކްސެލެރޭޓާލެބުން އެދެ އެވެ.

ސޮލިއުޝަންސް ސަފާރީ އަކީ މުބާރާތެއް ނޫނެވެ. އެހެންކަމުން ސޮލިއުޝަންސް ސަފާރީއަށް ހުށަހެޅޭ ހައްލުތައް ވަޒަންކޮށް ވަނަ ހޮވައި ނަހަދާނެ އެވެ.

އެކްސެލެރޭޓާ ލެބުގެ އުއްމީދަކީ ވާޗުއަލް ސޮލިއުޝަންސް ސަފާރީއަށް ހުށަހަޅާ ހައްލުތަކުގެ މައުލޫމާތު އެއްތަނުކުން ލިބޭނެ ޑިޖިޓަލް ޕްލެޓްފޯމެއް މުސްތަގުބަލުގައި ގާއިމްކުރުމެވެ. މި ޕްލެޓްފޯމް ވެގެން ދާނީ ހައްލުތައް ހޯދާ ޓެސްޓްކުރަމުންދާ ފަރާތްތަކާއި ހަމައެފަދަ އެހެން ހައްލުތައް ހޯދާ ފަރާތްތަކާއި ގުޅުވައިދޭ ތަނަކަށެވެ. ވާޗުއަލް ސޮލިއުޝަންސް ސަފާރީއަށް ހުށަހެޅޭ ހައްލުތަކުގެ މައުލޫމާތު މި ޕްލެޓްފޯމްގައި ހިމަނާނީ ހިއްސާކުރެވޭނީ، އެ ހައްލުތައް ހުށަހެޅި ފަރާތްތަކުގެ އިޒުނައާ އެކީގަ އެވެ.