ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު މިސްކިތްތަކުގައި ނަމާދުކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ގައިދުރުކުރުމަށް އެޗްޕީއޭއިން އަންގައިފި އެވެ.

އެޗްޕީއޭއިން ބުނީ މިސްކިތްތަކުގައި ނަމާދުކުރާއިރު ނޭފަތާއި އަނގަ ނިވާވާ ގޮތަށް މާސް އަޅަން ޖެހޭނެ ކަމަށެވެ. އަދި މިސްކިތްތަކަށް ނަމާދުކުރަންދާއިރު، އަމިއްލަ މުސައްލަ ގެންދިއުމަށްވެސް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރާއިރު ގައިދުރުކޮށް ތިބުމަށްވެސް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެ އެވެ.

މި ނިންމުމަށް އަމަލުކުރާނީ މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 15ވަަނަ ދުވަހާ ހަމައަށެވެ.

އެ މުއްދަތުގައި އަޅަން އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 12އިން ފަތިރހު ހަތަރަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމާއި، ޕާކުތަކާއި މައިޒާންތައް ބަންދުކޮށް، ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުން މަނާކުރުމާއި ކިންޑަގާޑަންއިން ފެށިގެން ގްރޭޑް12 އާ ހަމައަށް ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުން ހިމެނެ އެވެ.

މީގެ އިތުރުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރުކުރުމުގައި ދިން ލުއިތައް ވެސް އެ މުއްދަތަށް ވަނީ މެދުކަނޑާލާފަ އެވެ.