ކޮވިޑް19ގެ ކޭސްތައް ބޮޑުތަނުން އިތުރުވުމާއެކު ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ އެ ނިންމުމަށް އަމަލުކުރާނީ މި މަހުގެ 5 - 15 އާ ހަމައަށް ކަމަށެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 400 އިން މަތީގައެވެ. އަދި ވޭތުވެދިޔަ ދެ ދުވަހު ޕޮޒިޓިވް ކޭސްތައް ހުރީ 500އިން މަތީގަ އެވެ.

އެގޮތުން އިއްޔެ 508 މީހުން ޕޮޒިޓިވްވިއިރު، މިއަދު 585 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މީގެ ކުރިން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރަް ނިންމީ މިއަހަރުގެ ފެބްރުއަރީ 12ވަނަ ދުވަހުގަ އެވެ. އަދި ކޭސްތަކުގެ އަދަދު މަދުވުމުން މާޗު 25 ވަނަ ދުވަހު އެ އެންގުން ވަނީ ބާތިލުކޮށްފަ އެވެ.

މިރޭ އިއުލާންކުރި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ޕާކުތަކާއި މައިޒާންތައް ބަންދުކޮށް، ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުން މަނާކުރުމާއި ކިންޑަގާޑަންއިން ފެށިގެން ގްރޭޑް12 އާ ހަމައަށް ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުން އަދި މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދު ކުރުމާއި ދެ ޑޯޒު ވެކްސިން ޖެހުމުން ދަތުރުކުރަން ދިން ލުއިތައް މެދުކަނޑާލުން ހިމެނެ އެވެ.

ހަމައެއާއެކު އެ މުއްދަތުގައި ސަރުކާރު އޮފީސްތައް ބަންދުކޮށް، އޮންލައިންކޮށް ދެވޭ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށްވެސް ވަނީ އަންގާފަ އެވެ.