03 May 2021, 21:48
މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ގްލޯބަލް ޓްރެވަލް އެސެސްމަންޓް ސިސްޓަމް (ޖީޓީއޭއެސް) މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މިއަދު ކަސްޓަމްސް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސެއިން އެވެ.
ޖީޓީއޭއެސްއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ އާއި ޔޫއެސް ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން ގުޅިގެން ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަން 2178 އާއި 2396 އަށް ރިއާޔަތްކޮށް އެޑްވާންސް ޕެސެންޖާ އިންފޮމޭޝަން (އޭޕީއައި) އަދި ޕެސެންޖާ ނޭމް ރެކޯޑްސް (ޕީއެންއާރު) އެސެސްކޮށް އެނެލައިޒް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމްއެކެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ކަސްޓަމްސްގައި ގާއިމުކޮށްފައިވާ މި ސިސްޓަމް މެދުވެރިކޮށް އޭޕީއައި އަދި ޕީއެންއާރު މައުލޫމާތު ފުލުހުންނާއި އިމިގްރޭޝަންއަށް ހިއްސާކުރުމެވެ.
މީގެ ސަބަަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސްއާ ދެމެދު ފަސޭހަކަމާއިއެކު މައުލޫމާތު ބަދަަލުކުރެވޭނެ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
މި ނިޒާމް ގާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވައި އަދި އެނޫނަސް ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް ފާރަވެރިވާން ފަސޭހަވެ އެވެ.
ހަމައެއާއެކު ރާއްޖެއަށް ވަދެނިކުންނަ ދޮރާށިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވެ، ބައިނަލްއަގްވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ރައްކާތެރި އަދި ލުއިފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމާއި ގާނޫނާއި ގަވާއިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ އެވެ. އަދި މި ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ސަރުކާރުގެ އިތުރު އިދާރާތަކާއިއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެ ކަމަށްވެސް ކަސްޓަމްސްއިން ބުނެ އެވެ.