09 Feb 2012, 22:22
ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ކައިރީ ތިލައަކަށް ޑައިވިންދިޔަ ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ޑައިވިންއަށް ގޮސްގެން އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނީ އިޓަލީގެ އަންހެނެކެވެ. އޭނާ ގެއްލުނުކަން އެނގުނީ މިއަދު މެންދުރުފަހު 3:30 އެހާކަންހާއިރު ރިސޯޓްގެ އުތުރުގައި އޮންނަ "އޮއްކޮބެ ތިލަ" އަށް ޑައިވް ކުރަން ދިޔަ ފަހުން ކަމަށާއި ރޯޒާ ނަމަކަށް ކިޔާ އުމުރުން 37 އަހަރުގެ އަންހެން މީހާ ގެއްލިފައިވަނީ ކުޑަބަނޑޮހުގެ އިރުމަތީ ފަރާތަށް ކަމަށެވެ.
މިއީ ކޮން ރިސޯޓަކުން ޑައިވިންއަށް ދިޔަ މީހެއް ކަމެއް އެމްއެންޑީއެފަކުން ނުބުނެ އެވެ.
"އަންހެންމީހާ ޑައިވިނަށް ފޭބިއިރު، އޭނާ ހުރީ ޑައިވިންގ ޝޫޓާއެކު ކަޅުކުލައިގެ މާސްކަކާއި އަދި ހުދު ކުލައިގެ ފިންސްއަކަށް އަރައިގެން،" އެމްއެންޑީއެފުން ބުންޏެވެ.
ކޯސްޓްގާޑުން ބުނީ އެ އަންހެން މީހާއާބެހޭ ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި އެ ހިސާބުގެ ރަށްރަށުން ބަލައިދިނުމަށް އެދޭ ކަމަށެވެ. އިސްކޮޅުގައި ފަސް ފޫޓް ދެ އިންޗި ހުރި ދޮން އަންހެންމީހާ އެންމެ ފަހުން ލައިގެންހުރީ ކަޅު ނޫކުލައިގެ ޝޫޓެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.