މޯލްޑިވްސް ބްރޯޑް ކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އަށް ބްރޯޑކާސްޓް ކުރުމުގެ ލައިސަންސް ދީފި އެވެ.

މުޅި ރާއްޖެއަށާއި ރާއްޖެއިން ބޭރަށް 24 ގަޑިއިރު ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް މެދުވެރިކޮށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް އެމްބީސީ އަށް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފައި ވަނީ މިއަދު އެވެ.

ސަން އޮންލައިނަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ލައިސަންސް ލިބި، އަޑާއި ޓީވީއެމް އާއި ހަވާލުވުމަށް އެ ކޯޕަރޭޝަނުން ކުރަންޖެހޭ ކަންތައް މިހާރު ކޮށްނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އެ ދެތަން އަދި ހަވާލު ނުކޮށްވަނީ ހަވާލުކުރުމުގެ ކުރިން ގާނޫނީ ގޮތުން ސަރުކާރުން ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ކަމަށާއި ހަވާލުވުވާން އެންގިހާ އަވަހަކަށް އެ ކޯޕަރޭޝަނުން ތިބީ އެ ދެތަނާއި ހަވާލުވާން ތައްޔާރަށް ކަމަށެވެ.

"ލައިސަންސް ލިބި، ހަވާލުވުމަށް އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައް ފުރިހަމަކޮށް އަޅުގަނޑުމެން މިތިބީ ހަވާލުވާން ތައްޔާރަށް. އެހެން ނަމަވެސް ބައެއް ގާނޫނީ ކަންތައް އެބަހުރި ނިންމަންޖެހޭ. ސަރުކާރުގެ ކަމާއި ބެހޭފަރާތްތަކުން އެކަންކަން ނިންމަމުން ގެންދަވަނީ. އެކަންކަން ނިންމާފަ ހަވާލުވާން އެންގިހާ އަވަހަކަށް އަޅުގަނޑުމެން ހަވާލުވާނަން،" މަނިކު ވިދާޅުވި އެވެ.