12 Jul 2010, 05:57
10:00
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުގެ މައްސަލާގައި ފުލުހުންގެ ފަރާތުން ވަކާލާތުކުރި އެންމެ އިސް ދެ ފުލުހުންނަށް މިއަހަރު ނިމެންދެން ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށް ކަނޑައަޅައި ޖިނާއީ ކޯޓުން އެކަން ފުލުހުން އަންގައިފި އެވެ.
ޖިނާއީ ކޯޓުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ޔާމީނާއި ޤާސިމް އަދި ނާޒިމްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި ފުލުހުންގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލީސް މުހައްމަދު ޖިނާހާއި އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒުގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރެވޭތީ އެ ދެ ފުލުހުން މިއަހަރު ނިމެންދެން ސަންބެންޑް ކުރައްވާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖިނާއީ ކޯޓުން ފޮނުވާފައިވާ އެ ސިޓީގައި އެ ދެ ފުލުހުން ސަންޕެންޑްކޮށްފައި ވަނީ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށް ވިދާޅުވެފައިވީ ނަމަވެސް އެއީ ސުލޫކީ ކޮން މައްސަލައެއް ކަމަށް ބުނެފައިނުވާ ކަމަށެވެ.