ލ. މާވަށު ކައުންސިލްގެ ރައީސް އަދި މެމްބަރަކު ހޮވަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާއެކު، އެ ދާއިރާގެ ޖުމްލަ ވޯޓުން ޕީޕީއެމްއަށް އެ ދެގޮނޑި ލިބިއްޖެކަން އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކައުންސިލް ރައީސްގެ އިންތިހާބު 26 ވޯޓުގެ ފަރަގަކާއެކު ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓު، އަދި މިހާރުވެސް އެ ރަށު ކައުންސިލްގެ ރައީސްކަން ކުރައްވާ އަހުމަދު މޫސާ އެވެ. އޭނާއަށް ލިބިފައިވަނީ 557 ވޯޓެވެ.

ރައީސް ކަމަށް ދެން ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓު، މިހާރު ވެސް ކައުންސިލް މެމްބަރުކަން ކުރައްވާ އާދަމް އަބްދުއްރަހްމާނަށް ލިބިފައިވަނީ 531 ވޯޓެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން މެމްބަރުކަމުގެ ގޮނޑި 12 ވޯޓުގެ ފަރަގަކުން ކާމިޔާބު ކުރީ، ޕީޕީއެމްގެ އިބްރާޙިމް އަބޫބަކުރެވެ. އޭނާއަށް 491 ވޯޓު ލިބުނު އިރު، އެމްޑީޕީ ކެންޑިޑޭޓު ހަސަން ޝީފާޒަށް ލިބުނީ 379 ވޯޓެވެ.

މާވަށު ކައުންސިލް ރައީސަކު ހޮވަން ދެ ވަނަ ފަހަރަށް ވޯޓުލުމަކަށް ދާން ޖެހުނީ މިދިޔަ މަހު 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ވޯޓުގައި ދާއިރާއަށް ނިސްބަތްނުވާ މީހަކު މާވަށު ދެ ނަމްބަރު ފޮށްޓަށް ވޯޓުލުމުންނެވެ.

ވޯޓުލުން ކުރިއަށްގެންދިޔައީ ކައުންސިލްގެ ރައީސްގެ ގޮނޑިއަށާއި ކައުންސިންގެ މެމްބަރުގެ ގޮނޑީގެ އެވެ. އެއީ އެ ދެ މަގާމަށް ލީ ފަރާތްތަކުގެ ވޯޓު އެއްވަރުވެފައިވާތީ އެވެ.

މައްސަލަ ޖެހުނު ވޯޓު ފޮށިން އަލުން އިންތިހާބު ބޭއްވި އިރު، އެ ވޯޓު ފޮށިން އެކަނި ޖުމްލަ ނަތީޖާ ނެރެން އުޅޭ ކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުންވެސް ފާޅުކުރި އެވެ.

އިލެކްޝަންސް އިން ބުނި ގޮތުގައި މިއަދު މާވަށު ކައުންސިލްގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ އެވެ.

އެއް ފޮއްޓެއްގެ އަލުން އިންތިހާބު ބާއްވައިގެން ޕީޕިއެމްއަށް މާވަށު ކައުންސިލް އާއި މެމްބަރުކަމުގެ ގޮނޑި ލިބުމުން، އެ ކައުންސިލްގެ ހުރިހާ ގޮނޑިއެއްވެސް މިހާރު ވަނީ އެ ޕާޓީއަށް ލިބިފަ އެވެ.