ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް މާލޭ ސަރަހައްދުގައި ގާއިމުކުރި އެނދުތަކުގެ 60 ޕަސެންޓު ފުރިއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ހާއްސަކޮށްގެން ގާއިމުކުރީ 453 އެނދެވެ. އޭގެ ތެރެއިން މާލޭ ސަރަހައްދުގައި ހުރީ 267 އެނދެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭން ހުޅުމާލޭގައި ގާއިމުކުރި ކޮވިޑް ފެސިލިޓީ އަކީ 248 އެނދުގެ ޖާގައިގެ ތަނެކެވެ. އެއީ ވޯޑުގައި ހުރި 217 އެނދާއި، ހައި ޑިޕެންޑެންސީ ޔުނިޓުގެ 18 އެނދާއި ޑަޔަލިސިސް އަށް ހާއްސަ ދެ އެނދުގެ އިތުރުން 11 އައިސޮލޭޝަން އެނދެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒޓިވް 5،594 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 172 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ހޮސްޕިޓަލުގައި ތިބި މީހުންގެ ތެރެއިން، އަތޮޅު ތެރޭގެ ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދެމުން އަންނަނީ އަށް މީހަކަށެވެ. އެއީ ބ. އޭދަފުށީ ފެސިލިޓީގައި ތިބި ތިން މީހަކާއި، ލ. ގަން ފެސިލިޓީގައި ތިބި ފަސް މީހެކެވެ.

ބާކީ ތިބި 164 މީހުންނަށް ފަރުވާދެމުން އަންނަނީ މާލެ ސަރަހައްދުގަ އެވެ. އެހެންކަމުން މާލޭގައި ހުރި 267 އެނދުގެ، 61 ޕަސެންޓު މިހާރު ވަނީ ފުރިފަ އެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވި ނަމަވެސް، ގިނަ ބަޔަކު ކޮވިޑް19 އާ ދެކޮޅަށް ވެކްސިން ޖަހާފައިވާތީ، ބަލީގައި ބޮޑުވަރުވާ މިންވަރު ކުޑަވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ. ނަމަވެސް ޕޮޒިޓިވްވާ މީހުން ގިނަވާނަމަ، އެޑްމިޓްކުރަންޖެހޭ މީހުން ވެސް ގިނަ ވާނެ ކަމަށް އެޗްއީއޯސީން ފާހަގަކުރި އެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް އަތޮޅުތެރޭގައި ޖުމަލް 186 އެނދު ގާއިމުކުރި އެވެ. މިވަގުތު 178 އެނދު ހުހަށް އެބަހުއްޓެވެ.

އަތޮޅުތެރޭގައި ކޮވިޑް ފެސިލިޓީތައް ގާއިމުކޮށްފައި ހުރީ:

  • ށ. ފުނަދޫ (20 އެނދު)

  • ބ. އޭދަފުށި (45 އެނދު)
  • ލ. ގަން (41 އެނދު)
  • ގއ. ވިލިނގިލި (43 އެނދު)
  • ފުވައްމުލައް ސިޓީ (3 އެނދު)
  • އައްޑޫ ސިޓީ (34 އެނދު)

އަތޮޅުތެރޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ، އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ އިތުރުން، 22 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގަ އެވެ. އަދި ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ހުރީ ވަރަށް މަތީގަ އެވެ. އިއްޔެ އެކަނި ވެސް 500 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.