ސަރުކާރުން ނޫސްވެރިކަމަށް ހުރަސް އެޅުމުގެ ސިޔާސަތެއް ނުގެން ގުޅޭނެ ކަމަށާއި ރާއްޖެ މިހާރު ދެކެމުން މިދަނީ ރައްޔިތުންނާއި ނޫސްވެރިން ވެސް މީގެ ކުރިން ހިޔާލުވެސް ނުކުރާވަރުގެ މިނިވަން ނޫސްވެރިކަމެއް ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިނިވަން ނޫސްވެރިކަމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލައި، ނޫސްވެރިންނަށާއި ނޫސް އިދާރާތަކަށް ސަރުކާރުން ފިޔަވަޅު އަޅައި އަދަބު ދިނުމުގެ ސަގާފަތް މި ސަރުކާރުން ދޫކޮށްލީ، މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރެސީ ހަރުދަނާ ކުރުމުގެ މުހިންމު ވަސީލަތެއް ކަމަށްވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށްފަހު، ފާއިތުވެގެންމިދާ ތިން އަހަރުގެ ތެރޭގައި، ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ އިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއަދު ފާހަގަ ކުރާ ނޫސްވެރިކަމުގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ސޯލިހު ފޮނުއްވި ހިތޯބުގައި ވިދާޅުވީ މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާކުރަނީ ރައްޔިތުންނާއި ނޫސްވެެރިން މީގެކުރިން ހިޔާލުވެސް ނުކުރާވަރުގެ މިނިވަން ނޫސްވެރިކަމެއް،" ރައީސް ވިދާޅުވެފައިވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީވެސް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ފަދައިން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނީ، ގާނޫނުގައިވާ ގޮތުގެ މަތިން މައުލޫމާތު ހާމަކުރުމަށް، ދައުލަތުގެ މުއައްސަސާތަކުން މިހާރަށްވުރެ ބޮޑަށް އިސްކަން ދީގެން ކަމަށެވެ.

ދިވެހި ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަން، ފާއިތުވި ތިން އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ސާބިތުވެގެން ގޮސްފި ކަމަށާއި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް، ނޫސްވެރިންގެ ހަބަރުތަކާއި ރިޕޯޓުތަކުގެ ޒަރީއާއިން، އާންމު ރައްޔިތުންނާ ހަމައަށް ތިލަކުރުމުގެ ސަބަބުން، އެކަންކަން އިސްލާހު ކުރުމުގެ ފުރުސަތު ތަނަވަސްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންމެ ނޫސްވެރިއަކުވެސް ހަނދާންކުރަންވީ، ކޮންމެ މިނިވަންކަމަކާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވާކަން ކަމަށާއި ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ހައްގަށް ހުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ޒިންމާ އަދާކުރުމަކީ، މީސްމީހުންނާ ބެހޭގޮތުން، ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލުން،" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ނޫސްވެރިންގެ އެންމެ މަތީ ޒިންމާއެއް ކަމުގައި ހަދަންވީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ގައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ބައްޔާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ނޫސްވެރިން ކުރަާ މަސައްކަތް ފާހަގަކުރައްވައިފަ އެވެ.

ހަބަރާއި މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެވެސް ޒިންމާދާރު ވުމަށް ދިވެހި ނޫސްވެރިންނަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ރައީސްގެ ބަޔާނުގައި ވިދާޅުވީ މައުލޫމާތު ފެތުރުމުގައި ޔޯލަ ވާހަކަތަކަށް ބަރޯސާނުވެ، ތަހުލީލީ ނޫސްވެރިކަމުގެ ޒަރީއާއިން، ކޮންމެ ކަމެއްގެވެސް ހަގީގަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ނޫސްވެރިކަމަކީ ވެސް ގައުމީ ހިދުމަތެއް ކަމުގައި ދެކި، ގައުމު ބިނާކުރުމުގެ ރޫހުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގައި، ދިވެހި ނޫސްވެރިން ވެފައިވާ ގުރުބާނީ އަޅުގަނޑުމެން ހަނދާންކޮށް ޑިމޮކްރެސީއަށް އަޑުއުފުލައި ހިޔާލު ފާޅުކުރުމުގެ ތެރޭގައި، ތަފާތު އަނިޔާތަކާއި ޖަލު ހުކުމްތައް ތަހައްމަލުކުރި ނޫސްވެރިންނާއި، އަނިޔާވެރި އަމަލުތަކުގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރި ނޫސްވެރިންގެ ހަނދާން އާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.