09 Feb 2012, 21:17
މާލޭ އާއި ރާއްޖޭ އެކި ސަރަހައްދުގައި އިއްޔެ އާއި މިއަދު ނިންގި ހަމަނުޖެހުންތަކުގައި ރާއްޖޭގެ އެކި ރަށްރަށުގެ ކޯޓުތަކަށް ދީފައިވާ ގެއްލުން، 50 މިލިޔަން ރުފިޔާ އަށް އަރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.
އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މާޖިދު ސޮއި ކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އަތޮޅުތަކުގެ ބައެއް ކޯޓުތަކުގައި އަލިފާންރޯކޮށް އަންދާލައި އަދި ބައެއް ކޯޓުތަކުގެ ބިއްލޫރިތައް ތަޅާލައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނަނީ ކޯޓުތައް ހިންގާ އިމާރާތްތަކަށް ދެވުނު ގެއްލުންތަކުގެ ތަފްސީލީ ހިސާބުތައް އަދި ބެލިފައި ނުވިޔަސް، ކޯޓުތައް އިމާރާތްކުރުމާއި އެތަންތަނަށް ތަކެތި ހޯދުމަށް ކުރި ޚަރަދުތަކުގެ ރިކޯޑުތަކަށް ބަލާ އިރު 50 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
އަދި ތިން އަތޮޅަކުން ޖުމްލަ ހަތް މެޖިސްޓްރޭޓް ކޯޓެއް އަންދާލާފައިވާ އިރު ތިން ރަށެއްގެ ކޯޓަށް އެކިވަރުގެ ގެއްލުންތައް ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުގައި ބޭނުން ނުކުރެވޭވަރަށް އަންދާލާފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ ކޯޓާއި މަރަދޫ އާއި ފޭދޫ ކޯޓުގެ އިތުރުން ގދ. ރަތަފަންދޫ ކޯޓާއި އަދި ތިނަދޫ ކޯޓު ކަމަށާއި އެކިވަރުގެ ގެއްލުން ދީފައި ވަނީ ނ. ވެލިދޫ ކޯޓާއި، ބ. ކަމަދޫ ކޯޓާއި، ގދ. ގައްދޫ ކޯޓުކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނަނީ ފުވައްމުލަކު ކޯޓުގައި ރޯކޮށްލާފައި ވަނީ ހަމައެކަނި ކުޑަދޮރާއި ދިޔަދޮވީގައި ކަމަށާއި އެއްވެސް ގެއްލުމެއް ނުލިބެނީސް އެ އަލިފާންގަނޑު ނިއްވާލެވިފާއިވާ ކަމަށެވެ. އަދި މަރަދޫފޭދޫ ކޯޓަށް މާބޮޑު ގެއްލުންތަކެއް ނުލިބެނީސް އެ ކޯޓުގައި ރޯކޮށްފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި ކޯޓުގެ ދޮރުތައް މަރާމާތު ކުރުމަށް ފަހު މަސައްކަތް ފަށައިގަނެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ފަސް ރަށެއްގެ ކޯޓު ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާ އިރު، ރ. އަތޮޅު އަލިފުށީ ކޯޓާއި ދުވާފަރު ކޯޓާއި ރަސްގެތީމް ކޯޓުގެ އިތުރުން ބ. ހިތާދޫ ކޯޓާއި ޅ. ހިންނަވަރު ކޯޓާއި އަދި ތ. މަޑިފުށީ ކޯޓު ބަންދުކޮށްފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ. އަދި ށ. ކޮމަންޑޫ ކޯޓު ބަންދުކުރާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އަލިފާންރޯކޮށް އަންދާލި ކޯޓުތަކުގެ ތެރެއިން ރަތަފަންދޫ ކޯޓުގެ ހުރިހާ ލިޔުންތައް ސަލާމަތްކުރެވިފައިވާ އިރު، މަރަދޫފޭދޫ ކޯޓުގެ ގިނަ ލިޔުންތައް ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެޑިޕާޓްމަންޓުގެ ބަޔާނުގައި ބުނެފައި ވަނީ ތިނަދޫ ކޯޓު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ އިރު، އެ ކޯޓުގެ ބައެއް މެޝިނަރީ އާއި އިކްއިޕްމަންޓްތައް ރަށުތެރޭގައި ބައެއްފަރާތްތަކުން ވިއްކަމުންދާ ކަމަށް ވެސް އެ ކޯޓުގެ އެޑްމިނިސްޓްރޭޓާ މައުލޫމާތު ދެއްވާފައިވާ ކަމަށާއި ފޭދޫ ކޯޓުގައި ހުރި ބައެއް ކޮންޕިއުޓަރުތައް މަގުމައްޗަށް ނެރެ ހާޑު ޑިސްކުތައް ނަގާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިރޭ އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.