މާލެ، ވިލިމާލެ ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫއުގެ ޓެންޑަރުގައި ބައިވެރިވާނެ އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީކޮލިފައިކޮށް، ދެ އަހަރު ތެރޭ މުޅި މަޝްރޫއު ނިމޭނެކަމަށް ލަފާކޮށްފި އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ނުވަތަ މާލެ-ތިލަފުށި ލިންކް (އެމްޓީއެލް) މަޝްރޫއު އަކީ އިންޑިއާގެ މާލީ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓަކަށް ވާތީ، އެ މަޝްރޫއުއަށް ބޮޑަށް ހުށަހެޅޭނީ ހަމައެކަނި އިންޑިއާގެ އެގްޒިމް ބޭންކުން ޕްރީކޮލިފައި ކުރާ، އިންޑިއާގެ ކުންފުނިތަކަށެވެ.

އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ބުނީ، މިހާރު އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީ ކޮލިފައި ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނިތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. ހައި ކޮމިޝަނުން ބުނީ އެ ހަތަރު ކުންފުންޏަކީ ވެސް މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގެ ތަޖުރިބާ އާއި، މަޝްރޫއުއަށް ބޭނުންވާ ޓެކްނިކަލް މާހިރުކަމާއި ގާބިލިއްޔަތު، އަދި މާލީ ތަނަވަސްކަން ލިބިފައިވާ ކުންފުނިތަކެއް ކަމަށެވެ.

މަޝްރޫއަށް ބިޑް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ ފަހެއް ވާ ބުދަ ދުވަހެވެ. ހައި ކޮމިޝަނުން ލަފާކުރާ ގޮތުގައި، މުޅި މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި މުޅިން ފުރިހަމަ ކުރެވޭނެ އެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓް އަކީ ދިވެހި ސަރުކާރުން ހިޔާރުކޮށްފައިވާ އިނގިރޭސި ވިލާތާއި ހޮންގްކޮންގްގެ ކުންފުންޏެކެވެ.

މާލެ، ވިލިމާލެ ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެގްރިމަންޓްގައި ސޮއިކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ.

ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލީގެ ލޭންޑް އިންޓާޗޭންޖްތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެ އެވެ. އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓްތަކެއް ގާއިމް ކުރެވޭނެ އެވެ. ކޮންމެ ރަށެއްގައި ވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން ސީސީޓީވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިންގައި ބޭނުން ކުރާނީ އިރުގެ ހަކަތަ ކަމަށް ފިނޭންސުން ބުންޏެވެ. ލޭމްޕް ޕޯސްޓްތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް މަޝްރޫއުގެ ދަށުން ހަރުކުރާނެ އެވެ.