03 May 2021, 01:12
ކެބިނެޓަށް ބަދަލުގެނައުމާ ގުޅޭގޮތުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާއެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ފައްޓަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ކެބިނެޓަށް ގެންނަ ބަދަލާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވާހަކަ ދެއްކެވި ނަމަވެސް، މާ ބޮޑު ތަފްސީލަކަށް ވަޑައިގެންފައެއް ނުވެ އެވެ. މަބްރޫކް ވިދާޅުވީ ކެބިނެޓަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ކޯލިޝަން ލީޑަރުންނާއެކު ކުރިއަށްދާ ކަމަށާއި، މަޝްވަރާ ނިމުމުން އިތުރު ތަފްސީލު ދެއްވާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ މައިގަނޑު ވިސްނުމަކީ، ސަރުކާރު ހިންގުން ހަރުދަނާކޮށް، ދެމުންދާ ހިދުމަތްތައް ހިދުމަތްތަކަކީ ކުރަންޖެހޭ ކަންކަން ދެނެގަތުން ކަމަށެވެ.
"އެހެންވީމަ އެކިއެކި މަޝްވަރާތައް އެބަ ކުރެވޭ އެކިއެކި ވުޒާރާތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ވެސް،" މަބްރޫކް ވިދާޅުވި އެވެ.
'ސަން' އަށް ޔަގީންވެފައިވާ ގޮތުގައި، ކެބިނެޓަށް ބަދަލުގެންނަ އިރު، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހިދު އެ މަގާމުން ވަކިކުރަން ވަނީ ނިންމައިފަ އެވެ.
ކެބިނެޓްގެ ބައެއް ވަޒީރުން އެހެން ވުޒާރާތަކަށް ބަދަލު ކުރުމާއި، މިހާރު ތިބި ބައެއް ވަޒީރުން ވަކިކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެތެރޭ ނިންމަވާނެ ކަން 'ސަން' އަށް ވަނީ ކަށަވަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި ބަދަލުތަކެއް އަންނާނީ އެމްޑީޕީ ފިޔަވައި ދެން ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުން ހިމެނޭ ވުޒާރާތަކަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ބެލުމަށްފަހު ރަނގަޅު ކުރައްވާނެ ކަމަށެވެ.