ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު 508 މީހަކު ކޮވިޑަށް ޕޮޒިޓިވްފެފައިވެ ކަމަށެވެ. މިއީ ރާއްޖެއިން އެއް ދުވަހާ ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 276 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 185 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހުންގެ އިތުރުން އިންޑަސްޓްރިއަލް ރަށްތަކުން ޕޮޒިޓިވްވި 32 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި ތިން މީހެކެވެ.

މިއަދު ޕޮޒިޓިވްވި 508 މީހުންނާއެކު، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 30،745 އަށް އަރައިފަ އެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5،594 އަށް އަރައިފަ އެވެ. މިވަގުތު 172 މީހަކު އަންނަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 25،068 މީހަކު ވަނީ މިހާތަނަށް ބަލިން ރަނގަޅުވެފަ އެވެ. ބަލީގައި މިހާތަނަށް 74 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖެއިން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އަންނަނީ ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ. މިވަގުތު އައްޑޫ ސިޓީ އާއި، ކުޅުދުއްފުށި ސިޓީގެ އިތުރުން 22 ރަށެއް ވެސް އޮތީ މޮނިޓަރިންގަ އެވެ.

ރާއްޖެއިން ކޮވިޑް19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން އަންނަ އިރު، ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މިއަދު ވަނީ މަނާކޮށްފަ އެވެ.